ކެރީބިއަންގެ ބައެއް ގައުމުތައް ހަރިކޭން އިރުމާގެ ބޮޑު ބިރުވެރިކަމާ ކުރިމަތިވެއްޖެ
ކެރީބިއަންގެ ބައެއް ގައުމުތައް ހަރިކޭން އިރުމާގެ ބޮޑު ބިރުވެރިކަމާ ކުރިމަތިވެއްޖެ

ޕެރިސް (ސެޕްޓެމްބަރު 6) - ކެޓަގަރީ ފަހެއްގެ ބާރުގަދަ ތޫފާން، ހަރިކޭން އިރުމާގެ ގެއްލުންތަކާ ކެރީބިއަންގެ ބައެއް ގައުމުތައް ކުރިމަތިލާން ޖެހިއްޖެ އެވެ. އެގޮތުން މިއަދު ފްރާންސްގެ ބައެއް ޖަޒީރާތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ކެރީބިއަންގެ ބައެއް ގައުމުތައް ހަރިކޭން އިރުމާގެ ބޮޑު ބިރުވެރިކަމާ ކުރިމަތިވެއްޖެ
ކެރީބިއަންގެ ބައެއް ގައުމުތައް ހަރިކޭން އިރުމާގެ ބޮޑު ބިރުވެރިކަމާ ކުރިމަތިވެއްޖެ

ފްރާންސްގެ ދާޚިލީ ވަޒީރު ޖެރާޑް ކޮލަމްބް ވިދާޅުވީ ތޫފާނުގެ ގަދަ ވައިގައި ސެއިންޓް މާޓިންގެ އެންމެ ވަރުގަދަ އިމާރާތްތައް ވެއްޓި، ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ.

ސެއިންޓް މާޓިން އާއި ފްރާންސްއާ ދެމެދު މުވާސަލަތީ ގުޅުން މިހާރު ވަނީ ކެނޑިފަ އެވެ.

މި ތޫފާނުގައި ގަޑިއަކު 300 ކިލޯ މީޓަރު (185 މޭލު) އަށް ދަނީ ވައި ޖެހެމުންނެވެ. ގަދަ ވިއްސާރައިގައި، ފެން ބޮޑުވުމުގެ ނުރައްކާ ވެސް އެހާމެ ބޮޑެވެ.

މޫސުމީ އިދާރާތަކުން ބުނާ ގޮތުގައި މިއީ ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ކެރީބިއަން އަށް ކުރިމަތިވި އެންމެ ބާރުގަދަ ތޫފާނެވެ. ތޫފާނުގެ ގަދަވަޔާއި ވިއްސާރަ ފުރަތަމަ އެރީ ކެރީބިއަންގެ އެންޓިގުއާ އަދި ބާބޫޑާ އަށެވެ. މިހާރު ދަތުރުކުރަމުން ދަނީ ޕިއުޓޯ ރިކޯ އާއި ޑޮމިނިކަލް ރިޕަބްލިކަށްއާ ދިމާލަށެވެ.

އެމެރިކާގެ ފްލޮރިޑާ އަށް ތޫފާން އަރާފާނެތީ އެހެން ހިސާބުތަކަށް އެތައް ހާސް ބަޔަކު ވަނީ ގެންގޮސްފަ އެވެ.

ހަރިކޭން އިރުމާގެ ނުރައްކާ މިދިމާވީ އެމެރިކާގެ ޓެކްސަސް އެރި ތޫފާން ހާވީގެ ގެއްލުންތަކުން އަރައިނުގަނެވި އުޅެނިކޮށެވެ. އެމެރިކާގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހިއުސްޓަން އޮތީ ފެނު އަޑީގަ އެވެ.