ނިއުކްލިއަ ޕްރޮގްރާމަށްޓަކައި ނޯތު ކޮރެޔާ މީހުން ވިނަ ވެސް ކައިފާނެ: ޕުޓިން
ނިއުކްލިއަ ޕްރޮގްރާމަށްޓަކައި ނޯތު ކޮރެޔާ މީހުން ވިނަ ވެސް ކައިފާނެ: ޕުޓިން

ނޯތު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ބޭކާރު ކަމެއް ކަމަށާއި ނިއުކްލިއަ ޕްރޮގްރާމަށްޓަކައި އެ މީހުން ވިނަ ކައިގެން ވެސް އުޅެފާނެ ކަމަށް، ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ނިއުކްލިއަ ޕްރޮގްރާމަށްޓަކައި ނޯތު ކޮރެޔާ މީހުން ވިނަ ވެސް ކައިފާނެ: ޕުޓިން
ނިއުކްލިއަ ޕްރޮގްރާމަށްޓަކައި ނޯތު ކޮރެޔާ މީހުން ވިނަ ވެސް ކައިފާނެ: ޕުޓިން

މިދިއަ އާދިއްތަދުވަހު ނޯތު ކޮރެޔާ އިން ކުރި ވަރުގަދަ ނިއުކްލިއަ ބޮމުގެ ޓެސްޓާ ގުޅިގެން އެމެރިކާ އިން އިއްޔެ އިއުލާންކޮށްފައި ވަނީ ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ނޯތު ކޮރެޔާގެ ނިއުކްލިއަ ޕްރޮގްރާމް ހުއްޓުވުމުގެ މަގުސަދުގައި އދ. އިން މިހާރު ވެސް ވަނީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެކަމަކު ނިއުކްލިއަ ހަތިޔާރު ފައްކާކުރުމާއި ދުރު ރާސްތާގެ މިސައިލްތައް ޓެސްޓްކުރުން ކުރިއަށް ވުރެ ގިނަކުރުން ނޫން ކަމެއް ނޯތު ކޮރެޔާގެ ފަރާތަކުން ނުފެނެ އެވެ.

އާދިއްތަ ދުވަހު ނޯތު ކޮރެޔާ އިން ގޮއްވާލީ މިހާތަނަށް އެ ގައުމުން ޓެސްޓްކުރި އެންމެ ބާރުގަދަ ނިއުކްލިއަ ބޮމެވެ. އޭގެ ބާރުމިން އުޅޭނީ 50 އާއި 150 ކިލޯޓަނާ ދެމެދުގައި ކަމަށް، ބިންގަނޑަށް އެރި ލޮޅުމުން ދޭހަވެ އެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާ އިން ޖަޕާންގެ ހިރޯޝިމާއަށް ވައްޓާލި ބޮމަށް ވުރެ، 50 ކިލޯޓަނުގެ ބޮމެއްގެ ބާރު ތިން ގުނަ މަތިވާނެ އެވެ.

ޗައިނާގައި އޮތް ބްރިކްސް ސަމިޓްގެ ތެރޭގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ މިހާރު ފެށިގެން އުޅޭ އަސްކަރީ އަރައިރުންތައް ބޮޑު މުސީބާތަކަށް ވެސް ބަދަލުވެދާނެ ކަމަށެވެ. ނަމަވެސް ނޯތު ކޮރެޔާގެ ޓެސްޓްތައް އޭނާ ކުށްވެރިކުރެއްވި އެވެ.

ޕުޓިން ވިދާޅުވި ގޮތުގައި ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅައިގެން ހާސިލްކުރެވޭނެ ނަތީޖާއެއް މިހާރަކު ނެތެވެ.

"އަޅުގަނޑުމެން އެންމެން ކުރިއަރުވަން މަސައްކަތްކުރަންވީ މަޝްވަރާ،" ޕުޓިން ވިދާޅުވި އެވެ،

އޭނާ ވިދާޅުވި ގޮތުގައި ނިއުކްލިއަ ޕްރޮގްރާމް ހުއްޓާލުމުގެ ބަދަލުގައި ނޯތު ކޮރެޔާ ރައްޔިތުން ވިނަ ކައިގެން ވެސް އުޅެފާނެ ކަމަށް ބެލެވެނީ އަމިއްލަ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެހާ ފުޅާ ދާއިރާއެއްގައި ނޯތު ކޮރެޔާ އިން ނިއުކްލިއަ ހަތިޔާރު އުފައްދަން މަސައްކަތްކުރަނީ އެ ގައުމަށް އޮތް ހަމައެކަނި ރައްކާތެރިކަމަކީ އެމެރިކާ އަށް ހަމަލާ ދެވޭ ވަރަށް ހަތިޔާރު ފައްކާކުރުން ކަމަށް ގަބޫލުކުރެވޭތީ އެވެ.

ސައުތު ކޮރެޔާގައި އެމެރިކާ ސިފައިން ތިބުމާއި އެމެރިކާއާ ގުޅިގެން ސައުތު ކޮރެޔާ ސިފައިން އަސްކަރީ ތަމްރީންތައް ބޭއްވުން ކަހަލަ އަމަލްތަކުން ނޯތު ކޮރެޔާ ރުޅިއާދެ އެވެ.

ނޯތު ކޮރެޔާ އިން މި ފަހުން ވަނީ އެމެރިކާ އަށް ހަމަލާދެވޭވަރުގެ ބެލެސްޓިކް މިސައިލް ޓެސްޓްތަކެއް ވެސް ކޮށްފަ އެވެ. އަދި އާދިއްތަ ދުވަހު ނޯތު ކޮރެޔާ އިން ބުނީ އެފަދަ މިސައިލްތަކުގައި އުފުލޭ ވަރަށް ނިއުކްލިއަ ވޯހެޑް ވެސް ތަރައްގީކޮށްފައިވާ ކަމަށެވެ.

އެމެރިކާ އިން އިއްޔެ ބުނި ގޮތުގައި މަޝްވަރާގެ މޭޒު ދޮށަށް ނޯތު ކޮރެޔާ ގެނެވޭނީ މިހާރަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެންނެވެ.

ޕުޓުން ވިދާޅުވީ ނޯތު ކޮރެޔާ އަށް ޕްރެޝަރު ބޮޑުނުކޮށް އަދި ރުޅުވެރިކަން ނުއުފެދޭނެ ކޮންމެ ކަމެއްގައި އެމެރިކާ އަށް ރަޝިޔާ އިން އެހީވާނެ ކަމަށެވެ.