06 ސެޕްޓެމްބަރ 2017 - 12:33

ނޭޕީޑޯ (ސެޕްޓެމްބަރު 6) - މިއަންމާގެ ސްޓޭޓް ކައުންސިލާ އަން ސަން ސޫކީއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ބޮޑު ވަޒީރު މޯދީ މިއަންމާ އަަށް މި ވަޑައިގެންނެވީ އެ ގައުމުގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ވަރަށް އަނިޔާތައް ދެމުންދާ ދުވަސްރެއްގަ އެވެ. ރޮހިންޖާ ދަރިކޮޅުގެ މުސްލިމު ރެފިއުޖީންގެ މައްސަލައާ ގުޅޭ ގޮތުން މޯދީ އާއި ސޫކީ މަޝްވަރާ ކުރާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. ރޮހިންޖާ މުސްލިމް ރެފިއުޖީން އިންޑިއާ އަށް އެތެރެވާ މައްސަލާގައި ވެސް އެ ގައުމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރޮހިންޖާ ދަރިކޮޅުގެ 40،000 ރެފިއުޖީން އިންޑިއާގައި ތިބި ކަމަށްވެ އެވެ.
މޯދީގެ ދަތުރުފުޅުގައި ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާއި ހަކަތަ އާއި ސަގާފީ ގުޅުންތައް ބަދަހި ކުރާނެ އެވެ. އަދި ޓެރަރިޒަމް ހުއްޓުވުމާ ބެހޭ ގޮތުން ދެ ގައުމުގެ ވެރިން މަޝްވަރާ ކުރައްވާނެ އެވެ.