07 ސެޕްޓެމްބަރ 2017 - 06:31

އެކްޓްކުރުމަކީ މިހާރު މާޒީ ކަމަށާއި ނަމަވެސް ވަރަށް ޝައުގުވެރިވާ ކަހަލަ ފިލްމެއް ކުޅެލަން ލިބިއްޖެ ނަމަ އެފަދަ ފުރުސަތެއްގެ ބޭނުން ހަމަ ޔަގީނުން ވެސް ކުރާނެ ކަމަށް ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ ބުނެފި އެވެ.
ހެމާ ބުނި ގޮތުގައި އޭނާގެ ހަޔާތުގެ ފިލްމީ ދައުރު މިހާރު ނިމުމަކަށް އައިސްފަ އެވެ. ދެން ފިލްމުކުޅުން ދެން ނިމުނީތޯ، ޕާލަމެންޓްގައި މަސައްކަތްކުރާ ބައެއް މީހުން މިހާރުވެސް ސުވާލުކުރާ ކަމަށް ހެމާ ބުންޏެވެ.
"އެންމެން ކައިރީވެސް އަހަރެން މިހާރު ބުނަނީ ކޮންމެހެން ފިލްމެއް ކުޅުނީމޭ ބުނަން ކޮންމެ ކޮންމެ ރޯލެއް ނުކުޅޭނެ ކަމަށާއި ޝައުގުވެރިވާ ކަހަލަ ރޯލެއް ލިބިއްޖެ ނަމަ ކުޅޭނަމޭ. 'ބާޣްބާން' ގައި ކުޅުނު ކަހަލަ ރޯލެއް ލިބިއްޖެ ނަމަ ގަބޫލުކުރާނަން،" ހެމާ ބުންޏެވެ.
ހެމާ އަކީ މަތުރާ ދާއިރާގެ ބީޖޭޕީ މެންބަރެކެވެ. އަދި ނެށުމުގެ ރޮނގުން މީހުން ތަމްރީނު ކުރުމަށް އޭނާ ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެ އެވެ.
ހެމާ ބުނި ގޮތުގައި މިހާރު އޭނާ ބޭނުންވަނީ މާމަ ދަރިންނާއެކު ހަޔާތުގެ ބާކީ ދުވަސްތައް އުފަލުގައި ހޭދަކުރުމަށެވެ.
ހެމާގެ ދެ ދަރިންގެ ތެރެއިން ހަގު ދަރިފުޅު އާހްނާ ޑެއޯލް އަށް ދަރިއަކު ލިބިފައިވާއިރު ދޮށީ ދަރިފުޅު އީޝާ އަށް ވެސް ވަރަށް އަވަހަށް ދަރިއަކު ލިބެން ވަނީ ތައްޔާރު ވެފަ އެވެ.