ޖެކްލީން އާއި އާލިއާ ބަޓް މައްސަލަ ޖެހުނީތަ؟
ޖެކްލީން އާއި އާލިއާ ބަޓް މައްސަލަ ޖެހުނީތަ؟

ޖެކްލީން ފެނާންޑިސް އާއި ސިދާރްތު މަލްހޯތުރާ މީގެ އަހަރެއްހާ ދުވަސް ކުރިން އެމެރިކާގެ މަޔާމީގައި "ދަ ޖެންޓްލްމޭން"ގެ ޝޫޓިން ފެށުމާ އެކު ދެ މީހުންގެ ގުޅުން މާބޮޑަށް ބަދަހި ވަމުންދާ ކަމުގެ ޚަބަރުތައް ފެތުރުނެވެ.

ބައެއް މީހުން ބުނަނީ އެމީހުންގެ މެދުގައި އެކުވެރިކަމަށް ވުރެ ގުޅުން ބަދަހިވެފައިވާ ކަމަށެވެ. ކަރަން ޖޯހަރް ވެސް މިދިޔަ ޖެނުއަރީ މަހު ވަނީ އޭނާގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގައި ސިދާރްތު އާއި ޖެކްލީން އާ މި ސުވާލު ކޮށްފަ އެވެ. ކުރިން ވެސް ހީކުރެވިފައި އޮތް ގޮތަށް ދެ މީހުން ވެސް އެކަމަށް އިންކާރު ކުރި އެވެ. އަދި އެމީހުންގެ މެދުގައި އޮތީ ގާތް އެކުވެރިކަން ކަމަށް ބުންޏެވެ. އޭރު ވެސް ސިދާރްތު އުޅެނީ އާލިއާ ބަޓް އާ ރައްޓެހިވެގެންނެވެ.

ނަމަވެސް މި މީހުންގެ މެދުގައި ކޮންމެވެސް މައްސަލައެއް ޖެހިފައިވާކަން ޔަގީން ކުރެވުނީ މީގެ ހަފުތާތަކެއް ކުރިން ޖެކްލީން މަޑުމަޑުން އިންސްޓަގްރާމުން އާލިއާ އަންފޮލޯ ކުރުމުންނެވެ.

ހިންދީ ފިލްމީ ޚަބަރުތައް ލިޔާ ނޫސްތަކުން ބުނަނީ މިއީ ޖެކްލީން އާއި ސިދާރްތުގެ ގުޅުން ބަދަހިވުމުގެ ސަބަބުން އާލިއާ އާއި ސިދާރްތު އާ ވީ ވަރުގަދަ އަރާރުމެއްގެ ނަތީޖާ ކަމަށެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ "ދަ ޖެންޓްލްމޭން"ގެ ޝޫޓިން މީގެ އަހަރެއްހާ ދުވަސް ކުރިން ފެށީއްސުރެ ޖެކްލީން އަކީ ސިދާރްތުގެ ހަޔާތުގެ މުހިއްމު ބައިވެރިޔަކަށް ވެފައިވާ ކަމެވެ. އެ ދުވަސްވަރު ސިދާރްތު އާއި އާލިއާ ކުޑަކޮށް ރުޅިން އުޅުނު ދުވަސްވަރަކަށް ވުމާ އެކު ކާރު ދުއްވާލަން ދިއުމާއި އެކުގައި ރޭގަނޑުގެ ކެއުމަށް ރެސްޓޯރެންޓް ތަކަށް ދިއުން ފަދަ ކަންކަމުން ޖެކްލީން އާއި ސިދާރްތުގެ އެކުވެރިކަން ދިޔައީ ބަދަހި ވަމުންނެވެ.

ނަމަވެސް އޭރަކު އާލިއާ އަކަށް މާ ބޮޑަކަށް ސިދާރްތު އާއި ޖެކްލީންގެ ގުޅުން ބަދަހިވަމުންދިޔަ ވަރެއް ނޭނގެ އެވެ. އެހެންވެ އެމީހުން މިއާމީ ޝޫޓިން ނިންމާފައި އެނބުރި އައުމުން ވެސް އާލިއާ ވަނީ ޖެކްލީން އާ ބައްދަލުވާ ފަހަރު ފަހަރު ވަރަށް އެކުވެރިކޮށް ވާހަކަ ދައްކާފަ އެވެ.

ސިދާރްތު އާއި ޖެކްލީންގެ ގުޅުން އެކުވެރިކަމަށް ވުރެ ބޮޑުވެފައިވާ ކަން އާލިއާ އަށް އެނގުނީ މާ ފަހުންނެވެ. އެހިސާބުން އެ ދެ މީހުންގެ މެދުގައި ވަރުގަދަޔަށް އަރާރުމެއް ހިނގައި މިކަން ޖެކްލީން އަށް އެނގިގެން އާލިއާ އިންސްޓަގްރާމްގައި އޭނާ ވަނީ އާލިއާ ފޮލޯކުރުން ހުއްޓާލާފަ އެވެ.