މެލޭޝިއާގެ ކެބިނެޓަށް ނަޖީބުގެ އެންމެ އަރިސް ބޭފުޅުން
މެލޭޝިއާގެ ކެބިނެޓަށް ނަޖީބުގެ އެންމެ އަރިސް ބޭފުޅުން

ކުއާލަ ލަމްޕޫރު (ޖޫން 29) - ކޮރަޕްޝަނުގެ ތުހުމަތުގެ އިނގިލި ދިއްކޮށްފައިވާ މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ކެބިނެޓަށް ގެންނެވި ބަދަލުގައި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން މަގާމުތަކަށް ހަމަޖައްސައިފި އެވެ.

މެލޭޝިއާގެ ކެބިނެޓަށް ނަޖީބުގެ އެންމެ އަރިސް ބޭފުޅުން
މެލޭޝިއާގެ ކެބިނެޓަށް ނަޖީބުގެ އެންމެ އަރިސް ބޭފުޅުން

ނަޖީބު، 62، ނެރުއްވި ބަޔާނުގައި ވިދާޅުވީ ކެބިނެޓަށް ބަދަލު ގެނައީ ތަރައްގީގެ ޕްރޮގްރާމްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާ ހަމައަށް ގެނައުމަށް ޓަކައި ކަމަށެވެ.

ނަޖީބު ގެންނެވި ބަދަލުގައި އެމަނިކުފާނުގެ ވަރަށް އިތުބާރު ކުރެވޭ އަދި އަރިސް ބޭފުޅެއް ކަމަށްވާ އަބްދުލް ރަހުމާން ދަހުލާން ވަނީ އިކޮނޮމިކް ޕްލޭނިން މިނިސްޓަރު ކަމަށް ހަމަޖައްސައިފަ އެވެ. އަދި އަލަށް ހަތަރު ބޭފުޅު ވަނީ ވަޒީރު ކަމަށް ގެންނަވައިފަ އެވެ. މީގެ އިތުރުން ވަޒީރުންގެ ހަ ނައިބުން ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ކެބިނެޓަށް ގެނައި ބަދަލަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެއީ ނަޖީބުގެ މައްޗަށް ތުހުމަތު ކޮށްފައިވާ681 މިލިއަން ޑޮލަރުގެ މައްސަލަ އޮއްބާލުމަށް ގެނައި ބަދަލެއް ކަމަށެވެ. އަދި މިއީ އަންނަ އަހަރުގެ ކުރީކޮޅު އިންތިޚާބެއް ބާއްވަން ނަޖީބު އުޅުއްވާ ކަމުގެ ނިޝާނެއް ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން މިއީ ޕާޓީގެ ތެރޭގައި ނަޖީބުގެ ބާރުވަރުގަދަ ކުރުމަށް ގެންނެވި ބަދަލެއް ކަމަށް ވެސް އަނެއް ބަޔަކު ތުހުމަތުކޮށްފައިވެ އެވެ. ޕާޓީގެ ތެރޭން ނަޖީބަށް ފާޑުކިޔާ ފަރާތްތައް ވެސް ދަނީ ޕާޓީން ވަކިކުރަމުންނެވެ.

ވެރިކަންކުރާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އުމްނޯ) ގެ ތެރޭން ނަޖީބު މަގާމުން ދުރުކުރުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވަނީ ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދެވެ. މަހާތިރު ވިދާޅުވެފައި ވަނީ ނަޖީބު ހުންނަވައިގެން ކުރިއަށް އޮތް އާއްމު އިންތިޚާބު ޕާޓީ އަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ނަޖީބުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށްފައި ވަނީ މެލޭޝިއާގެ އިންވެސްޓްމެންޓް ބޭންކް 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) އިން 681 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާތީ އެވެ.
މެލޭޝިއާގެ ޕާލެންޓަރީ ކޮމިޓީއަކުން އެޕްރީލް މަހު ވަނީ 1އެމްޑީބީން ބޭރުގެ އެކި ފަރާތްތަކާ 4.2 ބިލިއަން ޑޮލަރުގެ މުއާމަލާތް ސުވާލު އުފެދޭ ގޮތަށް ހިންގާފައިވާ ކަމަށް ބުނެފަ ވެ.

1އެމްޑީބީން މަނީ ލޯންޑްރިންގެ އެއްވެސް މުއާމަލާތެއް ހިންގާފައިވޭތޯ ސްވިޒަލެންޑް، ސިންގަޕޫރު އަދި ހޮން ކޮންގުން ދަނީ ތަހުގީގު ކުރަމުންނެވެ. --އޭއެފްޕީ