ބާސެލޯނާ އިން ޔުވެންޓަސްގެ ޑިރެކްޓަރަކަށް ފާރަލަނީ؟
ބާސެލޯނާ އިން ޔުވެންޓަސްގެ ޑިރެކްޓަރަކަށް ފާރަލަނީ؟

ބާސެލޯނާ (ސެޕްޓެމްބަރު 6) – ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓިޗީ ގެންދަން ބާސެލޯނާ އިން މަސައްކަތްކުރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނިމިގެން ދިޔައީ ބާސެލޯނާ އަށް ވަރަށް ނާކާމިޔާބު ޓްރާންސްފާ ބާޒާރެކެވެ. އެގޮތުން އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ކަމަށްވާ ނޭމާގެ ކޮންޓްރެކްޓް އުވާލައިގެން ޕީއެސްޖީން އޭނާ ވަނީ ގެންގޮސްފަ އެވެ. މީގެ އިތުރުން ބާސެލޯނާ އިން ގެންނަން ބޭނުންވި ކުޅުންތެރިންތަކެއް ވެސް ނުގެނެވުނެވެ. އޭގެ ތެރޭގައި ޕީއެސްޖީގެ މާކޯ ވެރާޓީ އާއި އެންހެލް ޑި މަރިއާ އަދި ލިވަޕޫލުގެ ފިލިއްޕޭ ކުޓީނިއޯ ހިމެނެ އެވެ.

ބާސެލޯނާ އަކީ ބޭނުން ކުޅުންތެރިއަކު ގެނެވޭ ފެންވަރުގެ ކްލަބެއްގައި ގޮތުގައި ގިނަ ބަޔަކު ދުށް ނަމަވެސް މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކަންވީ ގޮތާ އެކު އެ ކްލަބުގެ ނަމަށް ވަނީ ނުރަނގަޅު އަސަރުތަކެއްކޮށްފަ އެވެ. އެހެންކަމުން އެ ޓީމުގެ ޓްރާންސްފާގެ އުސޫލުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ޕަރަޓިޗީ އަކީ ޔޫރަޕުގެ ފުޓްބޯޅައިގައި މަގުބޫލު ޑިރެކްޓަރެކެވެ. އޭނާ އާއި ޔުވެންޓަސްގެ ޖެނެރަލް މެނޭޖަރު ބެއްޕޭ މަރޮއްޓާ އަންނަނީ ފަހަކަށް އައިސް ކޮންމެ ސީޒަނެއްގައި ވެސް ރަނގަޅު ވިޔަފާރިތަކެއް ކުރަމުންނެވެ. އެގޮތުން ރެކޯޑް ހަރަދުތަކެއް ނުކޮށް ވަރުގަދަ ކުޅުންތެރިން ގެނެސް މިދިޔަ ހަ ސީޒަނުގައި ވެސް އެއް ފެންވަރެއްގައި ޓީމު ހިފެހެއްޓި އެވެ. އެގޮތުން 2011 ވަނަ އަހަރު ހަތް ވަނައިގައި ނިންމާލިއިރު ޖެހިގެން އައި ހަ ސީޒަނުގައި ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު ވަނީ ދަތުރުކޮށްފަ އެވެ.

ޔުވެންޓަސްއާ ހަވާލުވުމުގެ ކުރިން މަރޮއްޓާ އާއި ޕަރަޓިޗީ ވަނީ އެއްކޮށް ސަމްޕްޑޯރިއާގައި ވެސް މަސައްކަތްކޮށްފަ އެވެ. އެހެންކަމުން ފަހަރުގައި މަރޮއްޓާ ވެސް ބާސެލޯނާ އަށް ގޮސްދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.