06 ސެޕްޓެމްބަރ 2017 - 06:30

ލަވަކިޔުންތެރި ރިހާނާ، 40 ކުލައިގެ ފައުންޑޭޝަން ޝޭޑްތަކާ އެކީ އޭނާގެ މޭކަޕް ކަލެކްޝަންގެ ޕްރޮމޯޝަން ވީޑިއޯ އާންމުކޮށްފި އެވެ.
އަންނަ ހުކުރު ދުވަހު ލޯންޗުކުރުމަށް ހަމަޖެހިފައިވާ "ފެންޓީ ބިއުޓީ" ގެ ޕްރޮމޯޝަނަލް ވީޑިއޯގައި އެކި ގައުމުތަކުގެ މޮޑެލުންނާއި ރިހާނާ ވެސް ބައިވެރިވެފައިވެ އެވެ.
ރިހާނާގެ ނަން ކަމަށްވާ، ރޮބީން ރިހާނާ ފެންޓީގެ ނަމާ ގުޅުވައިގެން ތައާރަފްކުރާ މި މޭކަޕް ކަލެކްޝަންގެ ވީިޑިއޯގައި މުސްލިމް މޮޑެލް އެއް ކަމަށްވާ ހަލީމާ ވެސް ފެނެ އެވެ. އޭނާއަކީ ބުރުގާ އަޅައިގެން ކާންޔޭ ވެސްޓްގެ ޔީޒީ ރަންވޭގައި ފުރަތަމަ ފަހަރަށް ބައިވެރިވެ މުޅި އިންޑަސްޓްރީ އަށް މިހާރު މަޝްހޫރު ވެފައިވާ މޫނެކެވެ.
އެއް މިނިޓް 15 ސިކުންތުގެ މި ވީޑިއޯގައި ބައެއް ޕްރޮޑަކްޓްތަކުގެ މަންޒަރުތައް ވެސް ފެނެ އެވެ. އޭގެ ތެރޭގައި ނޫޑް ކުލަތަކުގެ ލިޕް ގްލޮސްތަކާއި ހައިލައިޓާތަކާއި ގޯލްޑް އައި ޝެޑޯ ވެސް ހިމެނެ އެވެ.
މި އުފެއްދުން ފެންޓީ ބިއުޓީގެ ރަސްމީ ވެބްސައިޓުން ގަންނަން ލިބޭނެ އެވެ.