ހަސަދަ
ހަސަދަ

(އާދިއްތަ ދުވަހާ ގުޅޭ)

ޒިދުނާއެއް ނުބެލިއެވެ. އެއްވެސް ޚަރަކާތެއް ނުކުރިއެވެ. އުނގުގައި އޮތް ދަރިފުޅުގެ ބޮލުން ކުޑަ ތަންކޮޅެއް އިނާޔާއަށް ފެނެއެވެ. ހީވާގޮތުގައި އޭނަ އޮތީ ނިދައިފައެވެ. އެހެންވިއްޔާ ދަރިފުޅު އެނދުގައި ނުބާއްވައި ޒިދުނާ އިންނަނީ ކީއްވެގެން ހެއްޔެވެ؟ އިނާޔާގެ ހިތުގައި އެ ސުވާލު އުފެދުނެވެ. އެ ވަގުތު، ޖެހިގެން ހުރި ކޮޓަރީގައި ކޮންމެވެސް ބަޔަކު ވާހަކަދައްކާ އަޑު އިނާޔާއަށް އިވުނެވެ.

"އިހަށް ނުނިކުންނާތި!" އެ ކޮޓަރިން ބުނި އަޑު އިވުނެވެ. "ދައްތަ ބުންޏެއްނު މި ގަޑީގަ ކޮޓަރިން ނުނިކުންނައްޗޭ!"

އިނާޔާ ހިތަށްއެރިއެވެ. ކޮޓަރިން އެހެން މީހުން ނުކުތުން މަނާކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އިނާޔާގެ ސަމާލުކަން އަނެއްކާ ވެސް ޒިދުނާއަށް ދެވުނީ ޒިދުނާ ކުކުރަން ފެށުމުންނެވެ. ހީވަނީ، ތަނަކަށް ތަދުވާތީ އުޅޭހެންނެވެ. އިނާޔާއަށް އޮތީ ދެ ގޮތެވެ. އެ ތަނުން ނުކުތުމެވެ. ނުވަތަ ޒިދުނާ ގާތަށް ގޮސް އޭނަ ކުރާ ކަމެއް ބެލުމެވެ.

"ދައްތާ!" އިނާޔާ އަނެއްކާ ވެސް ގޮވައިލިއެވެ.

ޒިދުނާއެއް ނުބެލިއެވެ. އިނާޔާ ހުރި ފިޔަވަޅުމަތީގައި ހުރީއެވެ. ގާތަށް ދާކަށް ނުކެރުނެވެ. އެންމެ ފަހުން އެ ތަނުން ނުކުތީއެވެ. ކޮޓަރިއަށް ވަދެ އެކަނިމާއެކަނި އިނދެގެން އިނާޔާ ވިސްނިއެވެ. ނާޒިމާ ބުނި ފަދައިން އިނާޔާގެ ސިކުނޑިއަށް ޒިދުނާ ނުފޫޒު ފޯރުވަނީ ހެއްޔެވެ؟ އިނާޔާއަކަށް ގަބޫލެއް ނުކުރެވެއެވެ. ޒިދުނާއަށް ހިތްހެޔޮކުރީ އިނާޔާގެ އަމިއްލަ އިޚުތިޔާރުގައެވެ. ނާޒިމާއަކީ ދޮންތަ ކަމުގައި ވިޔަސް، ބޮޑެތި މީހުން ދައްކާ ހުރިހައި ވާހަކައެއް ރަނގަޅުވާކަށް ނުޖެހެއެވެ. އެކަމަކު، ޒިދުނާ އެނދަށް އަރައި އިނދެގެން އެ ކުރަނީ ކީއްހެއްޔެވެ؟ އެ ސުވާލަށް އިނާޔާ ޖަވާބެއް ބޭނުންވިއެވެ. ވަގުތުން ފޯނު ނަގައިފައި ނާޒިމާއަށް ގުޅައިލިއެވެ.

"އޭނަ އެބައިން އެނދަށް އަރާ،" އިނާޔާ ބުންޏެވެ. "އަހަރެން ގޮވީމަ ވެސް އަޅައެއް ނުލި. އަސްލު އޭނަ ކީއްތަ އެ ކުރަނީ؟"

ނާޒިމާ އެ ވަގުތު އިނީ ޤުރުއާން ކިޔަވާށެވެ. ކިޔެވުން މެދުކަނޑައިލައިފައި ވާހަކަދައްކާކަށް ނާޒިމާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ހަތިމު އިހަށް ލައްޕައިލިއެވެ.

"މި ގަޑީގަ ކިތަންމެ ވަރަކަށް ގޮވިޔަސް ޒިދުނާ ގުޑައެއް ނުލާނެ،" ނާޒިމާ ޔަގީންކަމާ އެކީގައި ބުންޏެވެ. "ރާޝިދު ބުނި އޭނަ މި ގަޑީގަ އިންނާނީ އޭނަގެ ހަށިގަނޑު ޝައިތާނާއަށް ދީގެންނޭ. އޭރުންނޭ ޒިދުނާ ބޭނުންވާ ކަންތައް ޝައިތާނާ ކޮށްދޭނީ. އެކަމަކު ވަކި ހިސާބަކުން ޝައިތާނާ އެ ހަށިގަނޑު ދެކެ ފޫހިވާނެ. އެއީ، ކުފުރުވެފަ ހުރި އިންސާނެއްގެ ފަރާތުން ދެން ޝައިތާނާއަށް ހިފޭނެ އިތުރު ބޭނުމެއް ނޯންނާނެތީ. ދެން އެދޭނީ ޢާއިލާގެ އެހެން މީހުން ހިބައިން ދޭން. ޒިދުނާ ދޭނެ. ގެއާ މުދަލާ ހެދި މޮޔަވެފަ ހުރި މީހަކު ހުރިހާ ކަމެއް ވެސް ކުރާނެ. މިހާރު ވެސް އެ ޢައިލާގެ އެހެން އަންހެނަކު ދީފަ ހުރީ. ދިންވަރެއް މަދުވާނެ. ދެން ޒިދުނާ އެންމެ ފުރަތަމަ ދޭނީ އޭނަގެ ދޮށީ އަންހެން ދަރިފުޅު. ހުންނާތި ބަލަން."

އިނާޔާ ވިސްނައިލިއެވެ. ޒިދުނާގެ ޢާއިލާގައި މީހަކާ ނީންނަ އަންހެންކުއްޖަކު ހުރެއެވެ. އޭނަ މީހަކާ ރައްޓެއްސެއް ވެސް ނުވެއެވެ. އެކަމަކު އިނާޔާއަށް އެނގިފައިވާ ގޮތުގައި އެ އަންހެންކުއްޖާ ކައިވެންޏަކާ މެދު ވިސްނަން ބޭނުން ނުވަނީ އެހެން ސަބަބަކާ ހެދިއެވެ. ކިޔަވައިގެން، މަތީ ވަޒީފާއެއް ނުހޯދައި ޒަވާޖީހަޔާތެއް ފަށަށް އޭނަ ބޭނުން ނުވަނީއެވެ.

"ދެން ނޫން ދޮންތާ!" އިނާޔާ ބުންޏެވެ. "މަންމައަކު އޭނަގެ ދަރިފުޅެއް ނުދޭނެއްނު. މިހާރު ސިހުރުހެދުމުގެ ކަންތައް ވެސް އޭނަ ހުއްޓައިލައިފި."

"ނޭނގެ ޒިދުނާ ކޯޗެއްކަމެއް އިނާޔާއަށް ކާންދިނީ،" ނާޒިމާ ހިތްހަމަނުޖެހިފައި ބުންޏެވެ. "އަހަންނަށް އެ ޒިދުނާ އެނގޭ ވަރަކަށް އިނާޔާއަކަށް ނޭނގޭނެ. ބޭނުން ވަރަށް ގިނަ ވާހަކަ ކިޔައިދޭން. އެކަމަކު ފޯނަކުން ނުކިޔޭނެ. ކިޔައިދޭން ފަށާއިރަށް ޒިދުނާއަށް އެނގޭނެ. ފޯނު ގުޅިފަ މި ހުންނަނީ ސިގުނަލަކުން. ޖިންނީންނަކީ ވެސް ލޮލަށް ނުފެންނަ ބާރެއް. ފާޑެއްގެ ސިގުނަލެއް ކަހަލަ އެއްޗެއް. ހުއްޓުވާނެ."

އިނާޔާއަށް އެ ވާހަކަ ވީ ހެއްވާ ވާހަކައަކަށެވެ. އޭނަގެ ވިސްނުން ހުރީ ބަދަލުވެފައެވެ.

"ދެން އެހެނެއް ނުވާނެ ދޮންތާ!" އިނާޔާ ބުނެލިއެވެ. "ކިޔާބަލަ!"

"އެންމެ ރަނގަޅު،" ނާޒިމާ ފެށިއެވެ. "ގެއިން ކުނިވަސްދުވުން ހުއްޓިއްޖެތަ؟"

އިނާޔާއަށް ދެކޮޅުހެދޭކަށް ނެތެވެ. އޭރު ވެސް އިނާޔާ އިނީ ސެންޓު ރުމާ ނޭފަތާ ކައިރިކޮށްލައިގެންނެވެ. އެކަމަކު، އެ ވާހަކައެއް އިނާޔާ ނުބުނެއެވެ.

"ނުހުއްޓޭނެ،" ނާޒިމާ ވަރަށް ސާބިތުކަމާ އެކުގައި ބުންޏެވެ. "އަހަންނަށް ކަށަވަރު ނުހުއްޓޭނެކަން. ކުނިވަހަކީ ސިހުރުވެރިންގެ އެކުވެރިޔެއް. ސިހުރުގެ ބާރު ގަދަކުރެވޭނީ ގޭތެރެ މުޑުދާރުކޮށްގެން. ބައްޕަ ނިޔާވި ފަހުން އެ ޒިދުނާ އެ ކަން ގަދައަށް ހިންގާލީ. ބައްޕަ ދުނިޔޭގަ ޒިދުނާއަށް އެ ކަން ނުކުރެވުނީ ބައްޕަގެ އުސޫލުތައް ހަރުދަނާކަމުން. ފަތިސްނަމާދުން ފެށިގެން މަޣުރިބު ނަމާދާ ދެމެދު، ގޭގެ އެތައްމިތަނުގަ އިނދެގެން ޤުރުއާން ކިޔެވުމަކީ ބައްޕަގެ އާދައެއް. ބައްޕަ އެ ކަން ނުކުރާ ދުވަސްވަރެއް އަހަރެން ހަނދާނެއް ނުހުރޭ. ބައްޕަ ކިޔަވަން ފަށާނީ ދޮރާށި ކައިރީގަ ހުންނަ ޖޭމުގަސް ކައިރިން. މެންދުރު ނަމާދުން ފައިބައިގެން އައިސް ކިޔަވަން އިންނާނީ ސޯފާގޮނޑީގަ. މެންދުރުފަހު ވަރަށް ގިނައިން ކާމޭޒު ކައިރީގަ އިނދެގެން ކިޔަވާނެ. ހަވީރު އިންނާނީ އެންމެ މަތީބުރީގެ ކުޑަދޮރު ކައިރީގަ. އޭގެ ސިއްރަކީ މުޅި ގެ ރައްކާތެރިކުރުންކަމެއް އޭރަކު އަހަންނަކަށް ވެސް ނޭނގޭ. އެކަމަކު ޒިދުނާގެ ސިހުރަށް އެ ދުވަސްވަރު ކުރި ނުލިބުނީ، ޤުރުއާނުގެ ބަރަކާތުން މުޅި ގެ ރައްކާތެރިވެފަ އޮންނާތީ. ޒިދުނާ ހެދި އެއްވެސް ސިހުރެއް މަސައްކަތް ނުކުރީ. ކުރި ނަމަ، ބައްޕަގެ ހިތް ވެސް ޒިދުނާ އަތުލީސް. އަހަރުމެން އެންމެން ތިބީހީ ޒިދުނާއަށް ވިކިފަ."

ކުރިން ނުކިޔައިދީ ހުރި ކިތަންމެ ވާހަކައެއް ނާޒިމާ ކިޔައިދިނެވެ. އިނާޔާގެ ލޯ ހުޅުވޭތޯއެވެ. ހެވާއި ނުބައި ވަކިވޭތޯއެވެ.

"އުމުރުގެ ފަހު ބައިގަ ބައްޕަގެ ލޯ އަނދިރިވި،" ނާޒިމާ ކިޔައިދިނެވެ. "އެނގޭނެ އެ ކަން. މަގުމަތީގަ ހިނގާހަދަން އުނދަގޫވި. ދެން ނަމާދުކުރީ ގޭގަ. ކޮންމެ ނަމާދުވަގުތެއް ޖެހޭއިރަށް ހުރިހާ އަންހެންކުދިން ގޮވައިގެން ބައްޕަ ނަމާދުކުރީ ގޭގަ. ދެ ނަމާދު ދޭތެރޭގަ ޤުރުއާން ކިޔަވާ އަޑު ނޫން އެހެން އަޑެއް ގެޔަކުން ނީވޭނެ. ހުރިހާ ކަމެއް ހުއްޓައިލައިފަ ވެސް އެ ވަގުތު ހުރިހާ ކުދީން ވެސް ކިޔެވުމުގަ ބައިވެރިވާން ޖެހޭނެ. ހަނދާން ހުރެއެއްނު. އެ ގަޑީގަ ބޭރުގަ ކުއްޖަކު އުޅުނަސް، ފޯނުން ގުޅައި ހަނދާންކޮށްދީގެން ވެސް އެ ކުއްޖަކު ގެޔަށް ގެނެސް އެ ކަމުގަ ބައިވެރިކުރާނެ. އެ ކަމުގަ ހަރުކަށިވުމުގެ ބަދަލުގަ ބައްޕަ ކަންތައް ކުރި ގޮތް ތަފާތު. ބައްޕަދެކެ ބިރުން ޤުރުއާން ކިޔެވުމަކީ ބައްޕަ ތާއިދުކުރި ގޮތެއް ނޫން. އޭގެ ބަދަލުގަ ޤުރުއާނުގެ މަތިވެރިކަން ކުދިންނަށް ވިސްނައިދޭން ބައްޕަ ވަރަށް މަސައްކަތް ކުރި. ޢާއިލާގެ ބިންގާ ވަރުގަދަކުރަން، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ބައްޕަ ސާބިތުވެ ހުރި. ބިންގަލުގަ ރެނދުލާން ފެށީ ބައްޕަ ނިޔާވީމަ. އެ ކަން އާލާކުރަން ހަމީދު ވަރަށް މަސައްކަތް ކުރި. ބައްޕަގެ މަތިވެރި އިރުޝާދު ހަނދާންކޮށްދިން. ކުދިން އިޖާބަ ވެސް ދިން. އެކަމަކު ޝައިތާނާގެ ބާރު ގަދަވީ. ނަމާދުކުރަން ފަށާއިރަށް ޒިދުނާ ހަޅޭއްލަވަން ފަށާ. އޭނައަކީ އަޑު ގަދަ މީހެއް. ޒިދުނާގެ ޒީލަ އަޑު ފާރުތައް ފޫއަޅުވައިފަ އައިސް ނަމާދުގެ ޖަމާޢަތާ ހަމައަށް ފޯރާ. ކިޔޭނުކިޔޭ އެއްޗެއް، ކުރެވޭ ރަކުއަތުގެ އަދަދެއް ނޭނގޭ ހިސާބަށް ދިޔަ. ނަމާދަށް ވުރެ ޒިދުނާ ކިޔާ އެއްޗެއްސަށް ސަމާލުކަން ދޭން މަޖުބޫރުވި. ހަމީދު އެ ކަން ހުއްޓައިލީ ކުރިޔަށް ނުގެންދެވިގެން. ޙައްޤާ ބާތިލުގެ ތެރެއިން ބާތިލަށް ކުރި ލިބުނީ. ދެން ވީގޮތް އަޑުއަހަން ބޭނުންތަ؟"

"ކިޔާބަލަ ކިޔާބަލަ!" އިނާޔާ އެދުނެވެ.

"މީ އަހަރެން ހަދައިގެން ދައްކާ ވާހަކައެއް ނޫނޭ،" ނާޒިމާ ބުންޏެވެ. "ޙަޤީޤަތް މި ކިޔާދެނީ. ބައްޕަ ނިޔާވީމަ އެންމެ ފުރަތަމަ ދިމާކޮށްލީ އަހަންނާ. ފުރަތަމަ އަހަރެންގެ މެޔާ ދިމާއިން ތަންގަނޑެއް ދުޅަވީ. ނިދިއިރު އެއްވެސް ޢަލާމާތެއް ނުފެނިފަ ހެނދުނު ހޭލިއިރު ހުރީ ދުޅަވެފަ. ވަރަށް ވޭންއަޅާ ގޮތަކަށް އެ ތަނުގަ ރިއްސަން ފެށީ. ފުފެމުންގޮސް އާދައިގެ ލުނބޮޔެއް ވަރަށް ބޮޑުވި. ޑޮކްޓަރަށް ދެއްކީމަ ބުނީ ޖަހައިފަ ހުރީ ވިހަ އެއްޗެކޭ. ޖެހުނީ ވަގުތުން ފަޅައިލައިފަ ނަގަން. ހަމީދު ވެސް އެއްބަސްވީ އެ ގޮތަށް އެ ކަން ކުރަން. ހަމަ އެ ދުވަހު އެ ތަން ފަޅައިލި. ފަހުން ބޭސްއަޅައިފަ ޑޮކްޓަރު ބުނީ، ހީކުރި ވަރަށް ވުރެ އެ އެތި ބޮޑޭ. ބޮޑުބައި އޮތީ އެތެރެއަށް މޫލައިފައޭ. ކީއްވެގެން ނެގި އެއްޗެއްކަމެއް ޑޮކްޓަރަކަށް ވެސް ނޭނގުނު. ބޭސްއަޅައިގެން އަނެއް ދުވަހު ހޭލިއިރު އެ ތަން އޮތީ މާ ބޮޑުވަރު ވެފަ. އެ ދިމާ ދަށުން ވެސް ހުރީ ހަމަ އޭގެ އެއްޗެހިތަކެއް ފުއްޕައިފަ. އެއީ އަހަންނަށް ކާންދިން ސިހުރަކުން ވީ ގޮތެއްކަމެއް އޭރަކު ނޭނގޭ. އަނެއްކާ ޖެހުނީ ހޮސްޕިޓަލަށް ދާން. ޑޮކްޓަރު ބުނީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށް އެ އެތި ދަނީ ފެތުރެމުންނޭ. އަނެއްކާ ވެސް ޖެހޭނީ ފަޅައިލާފަ ނަގާށޭ. އެ ފަހަރު ތިން ތަނުން ކޮނެފަ އޭގެ މޫތައް ނަގަންޖެހުނު. ހީވަނީ ކަކުނިހޮރެއްހެން. އެކި ދިމަދިމާއިން ކޮންނަން ޖެހުނު. އެ ކަމުގެ ވޭނުގަ އަހަރެން ތިން މަސް ދުވަހު..."

ނާޒިމާއަށް އިވެން ފެށީ ގޮތް ނޭނގޭ އަޑުތަކެކެވެ. ހީވަނީ ފޯނުގެ ސިގުނަލަށް ބުރޫއަރާހެންނެވެ.

"އަ ހަ ރެ ން ނަ ށް.." އިނާޔާގެ އަޑު އައީ ކެނޑެކެނޑެމުންނެވެ.

ހީވަނީ އިނާޔާގެ ކަރުގައި މީހަކު ހިފައިފައި ހުރިހެންނެވެ. ނޭވާލާން އިނާޔާ ގަދަކަމުން މަސައްކަތްކުރާހެން ވެސް ނާޒިމާއަށް ހީވިއެވެ.

"އަހަންނަށް.. ނޭވާއެއް.. ނުލެވޭ،" އިނާޔާ ބުނި އަޑު އިވުނެވެ. "މަ.. މަންމާ!"

ނާޒިމާއަށް ދެން އިވުނީ ހޭއަޑެވެ. އެ އަޑާއި އިނާޔާގެ އަޑާ ވައްތަރެއް ނޫނެވެ.

ނުނިމޭ