ތިން ސިނަމާއެއްގައި "ހައްދު" މިރޭ ޕްރިމިއާ ކުރާނެ
ތިން ސިނަމާއެއްގައި "ހައްދު" މިރޭ ޕްރިމިއާ ކުރާނެ

ފިލްމް "ހައްދު" އަށް ކުރަމުން އައި އިންތިޒާރު މިރޭ ނިމުމަކަށް އަންނާނެ އެވެ. ޑައިރެކްޓަރު އަބްދުލް ފައްތާހް ދިވެހި ސިނަމާގެ ރިކޯޑްތައް މުގުރާލުމުގެ އަޒުމުގައި ގެނެސްދޭ ފިލްމްގެ ރެޑް ކާޕެޓް އިވެންޓެއް މިއަދު ހަވީރު 4:00 ގައި މާލޭ ޝްވެކް ސިނަމާގައި ބޭއްވުމަށް ފަހު، 5:00 ގައި މީޑިއާތަކަށް ހާއްސަ ސްކްރީނިން އެއް އެ ސިނަމާގައި އޮންނާނެ އެވެ.

ފައްތާހް ބުނީ މާލެ އާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައި ފިލްމް ރަސްމީކޮށް ދައްކަން ފަށާނީ މިރޭ 8:30 ގައި ކަމަށެވެ. އަދި އޮލިމްޕަހުގައި "ހައްދު" ދައްކަން ފަށާނީ މިރޭ 9:00 ގަ އެވެ.

އޭނާ ބުނީ "ހައްދު" ގެ މުޅި ޓީމް ވެސް ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިހާރު ބަލާލަން ބޭނުން ވަނީ އާންމުން ފިލްމާ ދޭތެރޭ ބުނާ އެއްޗެއް ކަމަށެވެ.

"އަހަރެން ވަރަށް ސެޓިސްފައިޑް ފިލްމާ ދޭތެރޭ. މިހާރު ދެން އެންމެ ބޮޑަށް ބަލާލަން ބޭނުން ވަނީ މި ފިލްމް ބަލާ އޯޑިއަންސްގެ ރިއެކްޝަން. ގައިމު ވެސް ފިލްމަކީ ބެލުންތެރިން ވަރަށް ގަޔާވާނެ ފިލްމަކަށް ވާނެ،" ފައްތާހްގެ 12 ފީޗާ ފިލްމާ ބެހޭ ގޮތުން ބުންޏެވެ.

އޭނާ ބުނީ "ހައްދު" އަކީ ބެލުންތެރިން ބޭނުން ވާނެ ހުރިހާ ރަހައެއް އެކުލެވޭ މޮޅު އަދި ފުރިހަމަ ފިލްމަކަށް ވާނެ ކަމަށެވެ.

"ބަލާލަން ހަމަ ވޯތު ފިލްމެކޭ ބުނާނީ. މި ފިލްމަކީ ޔަގީނުން ވެސް ދިވެހި ފިލްމް އިންޑަސްޓްރީގައި އަނެއްކާ ވެސް އާ ބެންޗްމާކެއް ގާއިމު ކުރާނެ ފިލްމެއް،" މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ލޯބީގެ ފިލްމާ ބެހޭ ގޮތުން ފައްތާހް ބުންޏެވެ.

"ހައްދު" ގައި ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކު މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ފެނިލުމަކުން ނޫސްވެރިޔާ އަހުމަދު ފައިރޫޒް ވެސް ފެނިގެންދާ އިރު، އަލީ އާޒިމް (ދޮންއައްޔަ) ގެ ވަރަށް ތަފާތު ރޯލެއް ފިލްމުން ފެނިގެން ދާނެ އެވެ.

"ހައްދު" ގެ ސަޕޯޓިން ކާސްޓުންގެ ތެރޭގައި މުހައްމަދު ރަޝީދު (ދަރާ)، އާރިފާ އިބްރާހީމް، ފައުޒިއްޔާ ހަސަން، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަހުމަދު ނަޖާހް އަދި ގުލިސްތާން ފަދަ އެކްޓަރުން ހިމެނެ އެވެ.

"ހައްދު" އަކީ މި އަހަރު އަޅުވާ ހަ ވަނަ ފިލްމެވެ.

މިރޭ ފިލްމް ޕްރިމިއާ ކުރުމަށް ފަހު މާދަމާ ރޭ އައްޑޫގެ ދެ ރަށެއްގައި ވެސް ފިލްމް ދައްކަން ފަށާނެ އެވެ. އަދި މި މަހުގެ 14 ވަނަ ދުވަހުގެ ރެއިން ފެށިގެން ހދ. ކުޅުދުއްފުށީގައި ވެސް "ހައްދު" ދައްކަން ފަށާނެ އެވެ.

ފައްތާހް ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ގިނަ އަދަދެއްގެ ރިސޯޓްތަކުގައި "ވެސް ހައްދު" ދައްކަން ޕްލޭންކޮށްފައިވާ ކަމަށެވެ.