05 ސެޕްޓެމްބަރ 2017 - 16:18

ކޮލަމްބޯ (ސެޕްޓެމްބަރު 5) - ސްރީ ލަންކާގެ އިގްތިސާދީ ތަރައްގީގެ ޕްލޭން ނުވަތަ "ވިޝަން 2025: މުއްސަނދި ގައުމެއް" ކޮލަމްބޯގައި ލޯންޗް ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިންތިޒާމް ކުރި މި އިވެންޓުގައި ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ބައިވެރިވެވަޑައިގެންނެވި އެވެ. ވިޝަން 2025 ގައި އަމާޒު ހިފާފައި ވަނީ ސްރީ ލަންކާގައި ވަރުގަދަ އިގްތިސާދެއް ގާއިމްކޮށް ޑިމޮކްރެސީ ހަރުދަނާކޮށް އަދި ހަނގުރާމައިގެ ސަބަބުން ދުރުވެފައިވާ ފަރާތްތައް ސުލްހަ ކުރުމެވެ. ވިޝަން 2025 ގެ ޕްރެޒެންޓޭޝަނަށް ފަހު ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވަނީ މި ތަސައްވުރާ ގުޅޭ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. އޯޑިއެންސް އިން ބޭނުންވާ ސުވާލެއް ސިރިސޭނާ އާއި ރަނިލް އަށް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ބޮޑު ވަޒީރު ރަނިލް ވިދާޅުވީ ވިޝަން 2025 ގެ އިގްތިސާދީ އިސްލާހީ ޕްރޮގްރާމާ ގުޅޭ ގޮތުން މިހާރު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ބޭނުން ވެއްޖެ ކޮންމެ ބަދަލެއް އެ ޕްރޮގްރާމަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
"މި ޕްރޮގްރާމުގެ ބޭނުމަކީ ލަންކާ އަކީ މުއްސަނދި ގައުމަކަށް ހެދުން. ވިޔަފާރި ފުޅާކޮށް އިޖްތިމާއީ އަދާލަތު ގާއިމް ކުރުން،" ރަނިލް ވިދާޅުވި އެވެ. "ލަންކާ އަށް މިހާރު ގެންނަ ބަދަލުތައް މީހުންނަށް ފާހަގަވެއްޖެ. ޒުވާނުންނަށް ކުރިމަގާ މެދު އުއްމީދު ލިބިއްޖެ."
ރަނިލް ވިދާޅުވީ މިހާރުގެ ސަރުކާރު ވެރިކަމަށް އައިއިރު ދަރަނި އަދާކުރެވޭ ވަރަށް ވެސް އާމްދަނީ ނުލިބޭ ކަމަށެވެ. ނަމަވެސް ދަރަނި ދެއްކޭ ވަރަށް އިގްތިސާދީ ހަމަޖެހުން މިހާރު ގާއިމް ކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.