ދިރާގުން އިތުރު އަހަރަކަށް ކުޑަކުދިންގެ ހިޔާގެ ޓީޗަރުން ސްޕޮންސަކޮށްފި
ދިރާގުން އިތުރު އަހަރަކަށް ކުޑަކުދިންގެ ހިޔާގެ ޓީޗަރުން ސްޕޮންސަކޮށްފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ޓީޗަރުން، އިތުރު އަހަރަކަށް ދިރާގުން ސްޕޮންސަކޮށްފި އެވެ.

ދިރާގުން 2008 އިން ފެށިގެން ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން ސްޕޮންސަކުރުމުގެ އިތުރުން އެތަނަށް އެކި ގޮތްގޮތުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހިލޭ އިންޓަނެޓް ދިނުމުގެ އިތުރުން ކުޑަކުދިންގެ ހިޔާގައި ދެ ކޮމްޕިއުޓަރު ލެބާއި ލައިބްރަރީއެއް ވެސް ދިރާގުން ވަނީ ގާއިމްކޮށްދީފަ އެވެ. އަދި އެތަނުގައި ތިބޭ ކުދިންނަށް ކޮންމެ އަހަރަކު ސްކޫލް ބަންދާ ދިމާކޮށް ކުޑަކުދިންގެ ހަވީރެއް ނުވަތަ އެކަހަލަ ކޮންމެވެސް ހަރަކާތެއް އިންތިޒާމް ކޮށްދެ އެވެ.

"އަޅުގަނޑުމެންގެ ސީއެސްއާރު ޕްރޮގްރާމްތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ކުޑަކުދިންނަށް އަޅާލައި، އެހީތެރިވުމަށް. އެކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް،" ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވި އެވެ.

ދިރާގުން މި އަހަރު ވަނީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާ ގުޅިގެން އޮންލައިން ޗައިލްޑް ސޭފްޓީ ޕްރޮގްރާމެއް ހިންގާފަ އެވެ. އަދި އޯޓިޒަމް އެސޯސިއޭޝަނުގައި އިންޑޯ ޕްލޭ އޭރިއާއެއް ގާއިމްކޮށް ކެއާ ސޮސައިޓީ އަށް ބޭނުންވާ ބައެއް ތަކެތި ވެސް ދިރާގުން ހަދިޔާކޮށްފައިވެ އެވެ.