މިއަންމާގެ ރޮހިންޖާ މުސްލިމުންނާ އެކުވާކަން ދެއްކުމަށް ޗެޗްނިޔާ މީހުން މަގުތަކަށް
މިއަންމާގެ ރޮހިންޖާ މުސްލިމުންނާ އެކުވާކަން ދެއްކުމަށް ޗެޗްނިޔާ މީހުން މަގުތަކަށް

ގްރޮޒްނީ (ސެޕްޓެމްބަރު 5) - މިއަންމާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގާ ޖަރީމާތައް ކުށްވެރިކޮށް ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ އެކުގައިވާކަން ދެއްކުމުގެ ގޮތުން ޗެޗްނިޔާގެ އެތައް ހާސް މުސްލިމުންނެއް މަގުތަކަށް ނުކުމެއްޖެ އެވެ.

ވެރިރަށް ގްރޮޒްނީގެ މަގުތަކަށް ނުކުތް މީހުންގެ އަދަދު 30،000 އަށް އަރާނެ ކަމަށްވެ އެވެ. އަދި މޮސްކޯގައި ހުންނަ މިއަންމާ އެމްބަސީ ދޮށަށް އެއްވެ ބައެއް މީހުން ވަނީ މިއަންމާ ސަރުކާރަށް ނުރުހުން ފާޅުކޮށްފަ އެވެ. މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމުގައި ދުނިޔޭގެ ގައުމުތަކުން ފިޔަވަޅު އަޅަމުން ނުދާތީ ޗެޗްނިޔާގެ ލީޑަރު ރަމްޒާން ކަދީރޯފް ވަނީ ފާޑު ވިދާޅުވެފަ އެވެ. ނަމަވެސް ރަޝިޔާ ސަރުކާރުގެ ތާއީދު އޮތީ މިއަންމާ އަށް ކަމަށްވާތީ ޗެޗްނިޔާގެ މުޒާހަރާތައް އެ ގައުމުގެ ގިނަ ޓީވީތަކުން ދައްކައިފައެއް ނުވެ އެވެ.

ކަދީރޯފް ވިދާޅުވީ މިއަންމާ ސަރުކާރަށް ރަޝިޔާ އިން ތާއިދު ކުރާ ނަމަ އޭނާ ރަޝިޔާއާ ދެކޮޅަށް ވެސް ތެދުވާނެ ކަމަށެވެ.

މިއަންމާގެ ރޮހިންޖާ މުސްލިމުންނަށް ލިބޭ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އަޅަމުން ނުދާތީ އިސްލާމީ ބައެއް ގައުމުތަކުން ދަނީ މިއަންމާ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

މިއަންމާގައި މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގައި މިދިޔަ މަހު 25 އިން ފެށިގެން ހިންގާ ހަމަނުޖެހުންތަކުގެ ސަބަބުން ވޭތުވެދިޔަ 10 ދުވަހު ތެރޭ ވަނީ 125،000 ރެފިއުޖީން ބަންގްލަދޭޝް އަށް ވަދެފައި ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.