07 ސެޕްޓެމްބަރ 2017 - 06:32

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހާޓްއެޓޭކެއް ޖެހިގެން މަރުވި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އޯމް ޕޫރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފި އެވެ.

މި މަސައްކަތުގެ މުގުލުގައި ހުރީ އޯމް ޕޫރީގެ އަންހެނުން އަދި ލިޔުންތެރިޔާ/ނޫސްވެރިޔާ ނަންދިތާ ޕޫރީ އެވެ.
އޭނާ ބުނީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި އެކްޓަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދާ އިރު 2009 ގައި ނެރުނު އޯމް ޕޫރީގެ ބައޮގްރަފީ "އަންލައިކްލީ ހީރޯ: ދަ ސްޓޯރީ އޮފް އޯމް ޕޫރީ" ގައި ކިޔައި ދިފައި ހުރި ބައެއް ވާހަކަތަކަށް ވެސް އަލި އަޅުވައިލާނެ ކަމަށެވެ. އެ ބައޮގްރަފީ ލިޔެފައި ވަނީ ނަންދިތާ އެވެ.
އޭނާ ބުނީ އޯމް ޕޫރީގެ ބައޮޕިކް ހަދާ އިރު، އޭގެ މައިގަނޑަކަށް ބަލާނީ އާދައިގެ ނިކަމެތި މީހެއްގެ ގޮތުގައި ހުރެގެން ކާމިޔާބު ކެރިއާއެއް ބިނާ ކުރަން ކުރި ހިތްވަރު ގަދަ މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ. މީގެ ސްކްރީންޕްލޭ ލިޔުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އެހެންވެ މި ޕްރޮޖެކްޓާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
"އޯމް ޕޫރީގެ ވާހަކައަކީ ވަރަށް އިންސްޕިރޭޝަނަލް ވާހަކައެއް. އަހަރެން ގަބޫލު ކުރަނީ ވަރުގަދަ ސްކްރީންޕްލޭއަކާ އެކު އޭނާގެ ވާހަކަ ސްކްރީނަށް ގެނެސްފި ނަމަ ވަރަށް ގިނަ ބަޔަކު ޝައުގުވެރި ވާނެ އެއްޗަކަށް ވާނެ ކަމަށް،" ނަންދިތާ ބުންޏެވެ.
އުމުރުން 66 އަހަރުގައި އޯމް ޕޫރީ މަރުވި ފަހުން، އޭނާ ކުޅުނު ފިލްމަކަށް އެންމެ ފަހުން ރިލީޒްވެފައި ވަނީ މިދިޔަ މަހު ނެރުނު ގްރިންސަރު ޗައްޑާގެ "ދަ ވައިސްރޯއިޒް ހައުސް" އެވެ. އަދި މި އަހަރުގެ ފިތުރު އީދޫގައި ނެރުނު ސަލްމާން ހާންގެ "ޓިއުބްލައިޓް" ގެ ރޯލަކުން ވެސް އޯމް ޕޫރީ ފެނިފައިވެ އެވެ.
ހިންދީ ފިލްމްތަކުގެ އިތުރަށް އޯމް ޕޫރީ ވަނީ ހޮލީވުޑްގެ ބައެއް ފިލްމްތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ގާންދީ (1982)، (1992) އަދި ދަ ގޯސްޓް އެންޑް ދަ ޑާކްނެސް (1996) ފާހަގަކޮށްލެވެ އެވެ.