މިއަންމާ އިން 125،000 ރެފިއުޖީން ބަންގްލަދޭޝް އަށް ވަދެއްޖެ: އދ
މިއަންމާ އިން 125،000 ރެފިއުޖީން ބަންގްލަދޭޝް އަށް ވަދެއްޖެ: އދ

ޑާކާ (ސެޕްޓެމްބަރު 5) - މިދިޔަ މަހުގެ 25 އިން ފެށިގެން، މިއަންމާ އިން ގާތްގަނޑަކަށް 125،000 ރެފިއުޖީން ބަންގްލަދޭޝް އަށް އެތެރެވެފައިވާ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.

މީގެ ތެރޭން ގިނައީ މިއަންމާ ސިފައިންގެ ފަރާތުން އަނިޔާ ލިބެމުންދާ ރޮހިންޖާ މުސްލިމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވެސް 37،000 މީހުން ބަންގްލަދޭޝް އަށް އެތެރެވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. މިއީ ރޮހިންޖާ މުސްލިމުން އުޅޭ ރަކީން ސްޓޭޓުގައި އެންމެ ފަހުން ހަމަނުޖެހުންތައް އުފެދުނު ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ ރެފިއުޖީން ބަންގްލަދޭޝް އަށް އެތެރެވި ދުވަހެވެ.

ޔޫއެންއެޗްސީއާރުގެ ތަރުޖަމާން ވިވިއަން ޓޭން ވިދާޅުވީ މުސްލިމް ރެފިއުޖީންގެ ތެރޭގައި މާބަނޑު އަންހެނުންނާއި އަލަށް އުފަންވެފައިވާ ޅަ ކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި ރެފިއުޖީ ކޭމްޕްތަކަށް މިސްރާބު ޖަހާފައިވާ މީހުންނަށް ކާ އެއްޗެއް ނުލިބި އެތައް ދުވަހެއް ވެފައިވާ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓޭން ވިދާޅުވީ 1970 ގެ އަހަރުތަކުން ފެށިގެން ބަންގްލަދޭޝްގައި އުޅޭ ރޮހިންޖާ މުސްލިމުންގެ ގޮތުގައި އދ.ގައި ރަޖިސްޓްރީކޮށްފައި ވަނީ 34،000 މީހުން ކަމަށެވެ. ނަވާރަ ސަތޭކަ ފަންސާސް އެއް ވަނަ އަހަރުގެ ރެފިއުޖީ ކޮންވެންޝަނުގައި ބަންގްލަދޭޝް އިން ސޮއިކޮށްފައެއް ނުވެ އެވެ. އަދި 1990 ގެ އަހަރުތަކުން ފެށިގެން ބަންގްލަދޭޝް އިން ރެފިއުޖީން ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ. އެހެންވެ ރަޖިސްޓްރީ ނުކުރާ އެތައް ލައްކަ ރެފިއުޖީންނެއް ބަންގްލަދޭޝްގައި އުޅޭނެ ކަމަށް ބެލެވެ އެވެ. ބައެއް ފަރާތްތަކުން ލަފާ ކުރާ ގޮތުގައި އެ އަދަދު 580،000 އަށް އަރާނެ އެވެ.