05 ސެޕްޓެމްބަރ 2017 - 14:03

ސަރުކާރުން ވިއްކާލަން ނިންމާފައިވާ ދަންޑަހެލުގޭގެ ބައެއްގައި ހަދާފައިވާ ކާޓިއުންސް އިންޓަނޭޝަނަލް ކުންފުނީގެ ގަރާޖު ހުސްކުރަން ހައުސިން މިނިސްޓްރީން އެންގި އެންގުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
އޯކިޑްމަގުން ސުޕްރީމް ކޯޓުގެ ކުރިމަތީގައި ހުންނަ ދަންޑަހެލުގެ (ކުރިން މާފަންނުއާގޭގެ ބައެއް) ގައި ހަދާފައިވާ ކާޓިއުންސް ކުންފުނީގެ ގަރާޖު ހުސްކުރަން ހައުސިން މިނިސްޓްރީން އެންގީ އެބައި ވިއްކާލުމަށްޓަކައި ދައުލަތަށް ނެގުމަށެވެ. ގަރާޖު ހިމެނޭ ބައި ހިމަނައިގެން އެތަން ވިއްކާލަން އެ މިނިސްޓްރީން މިހާރު އޮތީ އިއުލާންކޮށްފަ އެވެ.
ގަރާޖު ހަދާފައިވާ 378 އަކަފޫޓުގެ ބިމަކީ މާފަނުންއާގޭގެ ވެރިފަރާތް ކަމަށްވާ ފާތިމަތު ފަރީދާއި ކާޓިއުންސް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ހަތް އަހަރަށް އެ ކުންފުނިން ކުއްޔަށް ނަގާފައިވާ ތަނެކެވެ. އެތަން ހުސްކުރަން ހައުސިން މިނިސްޓްރީން މިދިޔަ މަހު އެންގި މައްސަލަ ކާޓިއުންސް ކުންފުނިން ކޯޓަށް ހުށަހަޅައި، އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުމުން މިދިޔަ ބުދަ ދުވަހު ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ކޯޓުގެ ނިންމުމުގައިވަނީ ދައުލަތުގެ މައްޗަށް އެފަދަ އަމުރެއް ނެރެދިނުމުގެ ހައިސިއްޔަތު ކާޓިއުންސް ކުންފުންޏަށް ލިބިގެން ނުވާ ކަމަށެވެ. އެ ނިންމުމުގައި ވަނީ ދަންޑަހެލުގޭ ކިޔާ ބިމަކީ މާފަންނުއާގެ އިން 12،741 އަކަފޫޓު 1999 ވަނަ އަހަރު ދައުލަތަށް ނެގުމަށް ފަހު، އެ ބިމަށް ހަދާފައިވާ ރަޖިސްޓަރީއެއް ކަމަށެވެ.
އޭގެ ފަހުން އެ ބިމާ ގުޅޭގޮތުން ދައުލަތުގެ މައްޗަށް އެއްވެސް އިލްތިޒާމެއް މަތި ކުރެވޭނީ ލިޔުމުން އޮތް ކޮންޓްރެކްޓެއްގެ ދަށުން ކަމަށާއި އެހެންވެ، ފާތިމަތު ފަރީދާއި ކާޓިއުންސް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމަށް އިހްތިރާމް ކުރަން ދައުލަތުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
ކާޓިއުންސް ކުންފުނިން ދައުވާކުރީ ގަރާޖު ހުރި ބިމާ ގުޅޭގޮތުން ފާތިމަތު ފަރީދާއާ އެކު އެ ކުންފުނިން ހެދި އެއްބަސްވުމުގައި ބަޔާންކުރާ އިލްތިޒާމްތައް ދައުލަތުގެ މައްޗަށް ވެސް ނަގުލު ވެގެންދާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެވެ.