06 ސެޕްޓެމްބަރ 2017 - 06:27

"ޕަދްމާވަތީ" އަށް ފަހު ދީޕިކާ ޕަދުކޯން ދެން އެންމެ އަވަހަށް ފަށާނީ އިރްފާން ޚާނާއެކު ކުޅޭ ފިލްމެކެވެ. އަންނަ ޖެނުއަރީ ގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މިފިލްމަކީ ވިޝާލް ބަރްދްވާޖް އުފައްދާ ފިލްމެކެވެ.
އަންނަ އަހަރުގެ އޮކްޓޫބަރުގައި ރިލީޒްކުރަން ނިންމާފައިވާ މި ފިލްމަކީ ރަހީމާ ޚާން ކިޔާ ހަގީގީ މާފިއާ ކުއީންއެއްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެއް ކަމަށާއި ފިލްމަށް ކިޔަނީ "ސަޕްނާ ދީދީ" ކަމަށް ބައެއް މީޑިއާތަކުން ޚަބަރު ފެތުރި ނަމަވެސް އެ ފިލްމުގެ ނަން އަދި ހަމަނުޖެހޭ ކަމަށް ޕްރޮޑިއުސަރުން ވަނީ ބުނެފަ އެވެ. އަދި މިއީ މުޅިން ޚިޔާލީ ވާހަކައެއް ކަމަށް ވެސް ޕްރޮޑިއުސަރުން ބުނެ އެވެ.
ޑައިރެކްޓަރު ވިޝާލް ބަރްދްވާލް ބުނިގޮތުގައި ދީޕިކާއާ އެކު އޭނާ ފިލްމެއް ހަދަން ބޭނުންވެގެން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އަދި އިރްފާނަކީ ވަރަށް ކުޅަދާނަ އެކްޓަރެއް ކަމަށް ވާތީ މި ފިލްމު ފެށޭނެ އިރަކަށް އޭނާ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންދާ ކަމަށެވެ.
ދީޕިކާ އާއި އިރްފާން އެންމެ ފަހުން ކުޅެފައިވާ "ޕީކޫ" އަކީ ވަރަށް މޮޅު ފިލްމެއް ކަމަށާއި މި ދެ ތަރިންނާ އެކު އެފަދަ ފިލްމެއް އުފައްދަން އުންމީދުކުރާ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.