މާލެއިން ބިން ގަންނާނެ ބަޔަކު އަދިވެސް ނުވޭ: ހައުސިން
މާލެއިން ބިން ގަންނާނެ ބަޔަކު އަދިވެސް ނުވޭ: ހައުސިން

މާލެއިން ވިއްކަން ހުޅުވާލި ގޯތިތަކަށް އެއްވެސް ބަޔަކު އަދިވެސް އަގު ހުށަހަޅާފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ސުޕްރީމް ކޯޓުން ކުރިމަތީގައި އޮތް މާފަންނުއާގެއިން ދައުލަތަށް ނެގި ބިން ހިމެނޭ ގޮތަށް މާލޭގެ އެންމެ އަގު ބޮޑު ތިން ހިސާބަކުން 19 ބިމެއް ވިއްކަން ހައުސިން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އިއުލާންކޮށްފަ އެވެ. އެ އިއުލާނުގައިވާ ގޮތުން އެ ތަންތަނުން ގޯތި ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަގު ހުށަހަޅަން ޖެހެނީ މިދިޔަ މަހުގެ 27ން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާލެއިން ގޯތި ގަންނަން ހުޅުވާލިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވީއިރު އެއްވެސް ބަޔަކު މިހާތަނަށް އަގު ހުށަހަޅާފައި ނެތް ކަމަށެވެ.

"ފުރަތަމަ ހަފުތާގައި އެއްވެސް ބަޔަކު ނެތް އަގު ހުށަހަޅާފައެއް. ނަމަވެސް ބަންދު ނިމިގެން މިއަދު އަލުން ހުޅުވުމާއެކު ބަޔަކު ހުށަހަޅާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ވިއްކަނީ އޯކިޑްމަގު މާފަންނުއާގެއިން ދައުލަތަށް ނެގި ބައި، މ. ދަންޑެހެލުގެ ކިޔާ ބިމުން ތިން ގޯއްޗާއި ބޮޑުތަކުރުފާނު މަގުގައި ކުރީގެ ކުނިކޮށިން ހަ ގޯތި އަދި އެ މަގުގައި ވިލާ ކޮލެޖާ ޖެހިގެން ހުޅަނގަށް ހުންނަ އެސްޓީއޯއިން ރެޑީ މިކްސް ކޮންކްރީޓް ތައްޔާރުކުރާ 378 ނަންބަރު ކޮށިން 10 ގޯއްޗެވެ.

އެ އިއުލާނުގައި ގޮތުން ޖުމްލަ 19 ގޯތި ވިއްކުމަށް ހަމަޖެހިފައި ވަނީ އަކަފޫޓެއް 15،000ރ.ގެ ރޭޓުންނެވެ. އެ ގޯތިތައް އަކަފޫޓެއް 15،000ރ.ގެ ރޭޓުން ވިއްކައިފި ނަމަ ދައުލަތަށް މަދުވެގެން ގާތްގަނޑަކަށް 792 މިލިއަން ރުފިޔާ ލިބޭނެ އެވެ.