"ރޭސް 3"ގައި ސަލްމާން ކުޅެނީ ނުބައިބައި
"ރޭސް 3"ގައި ސަލްމާން ކުޅެނީ ނުބައިބައި

ސަލްމާން ޚާން ވަނީ އަންނަ 2018 ގައި ކުޅުމަށް ވަރަށް ރަނގަޅު ފިލްމުތަކެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ރަމޭޝް ތުރާނީ ޕްރޮޑިއުސްކުރާ "ރޭސް 3" އެވެ.

ރޭމޯ ޑިސޫޒާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ސަލްމާން ކުޅެނީ ވަރަށް ވަރުގަދަ ނުބައިބައި މީހެއްގެ ކެރެކްޓާއެކެވެ. މިއީ މިހާތަނަށް އޭނާ އެއްވެސް ފިލްމެއްގައި ކުޅެފައިވާ ކަހަލަ ރޯލެއް ނޫނެވެ. އަދި އޭނާގެ ހަގީގީ ޝަޚްސިއްޔަތާ ވެސް ވަރަށް ތަފާތު ކެރެކްޓާއެކެވެ.

ސަލްމާން މިހާތަނަށް ބުނަމުން އައިސްފައި ވަނީ ނުބައިބައި ރޯލުތައް ކުޅެން އޭނާއަށް އެހާ ފަސޭހަ ނޫންކަމަށެވެ. ނަމަވެސް މި ފިލްމު ލިބުމުން ވެސް ފިލްމު ދޫކޮށްލާކަށް ނުކެރުނެވެ.

ފިލްމުގެ މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ފުރަތަމަ މި ފިލްމާ ސަލްމާން ދެކޮޅު ހެދި އެވެ. ނަމަވެސް ފިލްމުގައި އޭނާ އަދާކުރަން ޖެހޭ ރޯލު ކިޔައިދިނުމުން ފިލްމު ނުކުޅޭނަމޭ ބުނަން އޭނާއަށް ނުކެރުނީ އެވެ. މި ފިލްމުގައި ސަލްމާން ކުޅޭ ނެގެޓިވް ކެރެކްޓާގެ ވަރަށް ތަފާތު މޫނުތަކެއް ފިލްމުގައި ފެންނާނެ އެވެ.

ސަލްމާންގެ ކުރިން މި ފިލްމު ރިތިކް ރޯޝަނަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެހާ ނެގެޓިވް ކެރެކްޓާއަށް ކުޅެން ރިތިކް އެއްބަސް ނުވީ އެވެ.

ޖެކްލީން ފެނާންޑިސް ބަތަލާގެ ބައި ކުޅޭ ރޭސް 3" އަކީ "ރޭސް 2" އާ ގުޅުވައިގެން އުފައްދާ "ރޭސް 2"ގެ ސީކުއަލް އެއް ނޫނެވެ. އެހެންވެ އެ ފިލްމާ ގުޅޭ އެއްވެސް ކަމެއް މި ފިލްމަކުން ނުފެންނާނެ އެވެ.