07 ސެޕްޓެމްބަރ 2017 - 06:29

ހުކުރު ދުވަހު ރިލީޒްކުރި ދެ ފިލްމުގެ ތެރެއިން އަޖޭ ދޭވްގަންގެ "ބާދްޝާހޯ" އަށް ވުރެ އަޔޫޝްމާން ކުރާނާ އާއި ބޫމީ ޕަޑްނޭކަރްގެ "ޝުބް މަންގަލް ސާވްދާން" މާ މޮޅު ކަމަށް ބެލުންތެރިންނާއި ފާޑުކިޔުންތެރިން ވެސް ބުނެފި އެވެ.
ނަމަވެސް ވިޔަފާރީގެ ގޮތުން ބަލާއިރު "ބާދްޝާހޯ" އުޅެނީ ތަންކޮޅެއް ކުރީގަ އެވެ. ރިލީޒްވެ ފާއިތުވީ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި 50 ކްރޯޑު (ފަސް ބިލިއަން) ރުޕީސް އަށްވުރެ ގިނައިން މި ފިލްމު ވަނީ ހޯދާފަ އެވެ. މިއީ ފަހަކަށް އައިސް ރިލީޒްކުރި ބޮލީވުޑްގެ ބޮޑެތި ފިލްމުތަކަށް ވުރެ މާ ރަނގަޅު ރެކޯޑެކެވެ.
އިލައިނާ ޑިކްރޫޒް، އިމްރާން ހާޝިމީ އަދި ސަންޖޭ މިޝްރާ ފަދަ ތަރިން ބައިވެރިވާ މި ފިލްމުގެ ވިޔަފާރި ރަނގަޅުވެފައި ވަނީ ފިލްމު ބެލި މީހުންގެ ފަރާތުން އިވެމުންދިޔަ ފިލްމާ ގުޅޭ ޕޮޒިޓިވް ވާހަކަތަކާއި ފާޑުކިއުންތެރިން ވެސް ފިލްމަށް ތައުރީފުކޮށް ލިޔެފައިވާ ރިވިއުތަކުގެ ސަބަބުންނެވެ. ފިލްމު ބެލި ގިނަ ބަޔަކު ވަނީ މި ފިލްމު ވަރަށް ކަމުގޮސްގެން ފިލްމަށް ތައުރީފުކޮށްފަ އެވެ.
ނަމަވެސް ހޯމަ ދުވަހު ފިލްމަށް ލިބުނީ އެންމެ ފަސް ކްރޯޑު (50 މިލިއަން ރުޕީސް) އެވެ. މިއީ ހަފުތާ ބަންދުގައި ލިބުނު ވަރަށް ވުރެ ދެ ގުނަ ވެއްޓުމެކެވެ. އެހެން ވިޔަސް މިހާރު ބެލެވޭ ގޮތުގައި މި ފިލްމު ވެގެން ދާނީ މިއަހަރުގެ މިހާތަނަށް ނުކުތް އެންމެ ކާމިޔާބު އެއް ފިލްމަށެވެ.
"ޝުބް މަންގަލް ސާވްދާން" ގެ ވިޔަފާރި ވެސް ވަރަށް ރަނގަޅެވެ. މި ފިލްމަށް ހަތަރު ވަނަ ދުވަހު 20-25 މިލިއަން ރުޕީސް ލިބިފައިވާ ކަމަށް އަންދާޒާ ކުރެވެ އެވެ. މިއީ ނިސްބަތުން ކުޑަ އަދަދެއް ނަމަވެސް ފިލްމުގެ ބަޖެޓު ކުޑަކަމުން ޚަރަދު ފޫބެދި ފައިދާވާން ފަށާފައިވާތީ ފިލްމަކީ ކާމިޔާބު ފިލްމެއްގެ ގޮތުގައި ބެލެނީ އެވެ. މިއީ ހަމަނުޖެހުންބޮޑު އާއިލާއެއްގެ ވާހަކަ އެކެވެ. ފިލްމު ބެލި ގިނަ މީހުން ބުނަނީ ފިލްމުގައި ވަރަށް ހިތްހަމަޖެހޭ ކަހަލަ ސިފަތަކެއް ހުރި ކަމަށެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ރިލީޒްކުރި "ބަރީލޭ ކީ ބަރްފީ" އަށް ވުރެ "ޝުބް މަންގަލް ސާވްދާން" މާ ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ފަހުގެ ރިޕޯޓްތައް ބުނެ އެވެ. މި ފިލްމަށް މިހާތަނަށް 30 ކްރޯޑު (ތިން ބިލިއަން ރުޕީސް) ލިބިފައިވާއިރު "ޝުބް މަންގަލް ސާވްދާން"އަށް ހަތަރު ދުވަހުން ލިބިފައިވަނީ 16.25 ކްރޯޑު (1.6 ބިލިއަން ރުޕީސް) އެވެ.