ތޫފާނުގައި ޓެކްސަސް އަށް ލިބުނު ގެއްލުން 180 ބިލިއަން ޑޮލަރަށް އަރާނެ
ތޫފާނުގައި ޓެކްސަސް އަށް ލިބުނު ގެއްލުން 180 ބިލިއަން ޑޮލަރަށް އަރާނެ

ޓެކްސަސް (ސެޕްޓެމްބަރު 5) - ތޫފާން ހާވޭގައި ޓެކްސަސް ސްޓޭޓަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް 180 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވެއްޖެ އެވެ.

ތޫފާނުގައި ޓެކްސަސް އަށް ލިބުނު ގެއްލުން 180 ބިލިއަން ޑޮލަރަށް އަރާނެ
ތޫފާނުގައި ޓެކްސަސް އަށް ލިބުނު ގެއްލުން 180 ބިލިއަން ޑޮލަރަށް އަރާނެ

އޭނާ ވިދާޅުވީ ހަވޭގައި ލިބުނު ގެއްލުން، 2005 ވަނަ އަހަރު ނިއު އޯލިއަންސް ސުންނާފަތިކޮށްލި ކެޓްރީނާ ތޫފާނުގެ ގެއްލުމަށް ވުރެ ބޮޑުވާނެ ކަމަށެވެ. އަނެއްކޮޅުން ސަރުކާރުގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީގެ ވެރިޔާ ބްރޮކް ލޯންގް ވިދާޅުވީ ފެންބޮޑުވި ސްޓޭޓްތަކުން މައި ސަރުކާރުގެ އެހީ އަށް އެކަނި ބަރޯސާވެގެން ނުވާނެ ކަމަށެވެ. އަދި ތޫފާން ހާވޭ އަކީ ސްޓޭޓްތަކުގެ އޮފިޝަލުންނަށް ވެސް ދިން އިންޒާރެއް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިމަޖެންސީ ކަންކަމަށް ޚަރަދު ކުރަން ސްޓޭޓްތަކުން ވެސް ފައިސާ ރިޒާވްކޮށްފައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

ޓެކްސަސް އާއި ލޫސިއާނާ ސްޓޭޓުގައި ފެންގަނޑު ރަނގަޅަށް ނުހިނދުނު ނަމަވެސް ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ތޫފާން ހާވޭގައި ވަނީ 47 މީހުން މަރުވެފަ އެވެ. އަދި 43،000 މީހުން ވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަަދަލުކޮށްފަ އެވެ.

އެމެރިކާ ސަރުކާރުން ވަނީ ތޫފާނުގައި ގެއްލުން ލިބުނު ސްޓޭޓްތަކަށް އެހީވުމަށް 7.85 ބިލިއަން ޑޮލަރު ދޫކޮށްދިނުމަށް ކޮންގްރެސްގައި އެދިފަ އެވެ. ގަވަރުނަރު އެބޮޓް ވިދާޅުވީ އެއީ "ޑައުން ޕޭމަންޓެއް" ކަމަށެވެ. އެބޮޓް ކުރިން ވިދާޅުވެފައި ވަނީ ޓެކްސަސް އަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 125 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ.

"އަޅުގަނޑަށް ހީވާގޮތުން ކެޓްރީނާގައި ލިބުނީ 120 ބިލިއަން ޑޮލަރުގެ ގެއްލުން. އެކަމަކު ގޭގެއަށާއި ވިޔަފާރިތަކަށް ލިބުނު ގެއްލުމަށް ބަލާއިރު 120 ބިލިއަން ޑޮލަރަށް ވުރެ މާބޮޑުވާނެ. ތޫފާން ހާވޭގެ ގެއްލުން 150-180 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ،" ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން އެބޮޓް ވިދާޅުވި އެވެ.