ދިވްޔަންކާ އާއި ވިވެކްގެ ކައިވެނި ޖުލައި 8 ގައި
ދިވްޔަންކާ އާއި ވިވެކްގެ ކައިވެނި ޖުލައި 8 ގައި

ސްޓާ ޕްލަސްގެ ވަރަށް މަޝްހޫރު ޝޯއެއް ކަމަށްވާ "ޔޭ ހޭ މުހައްބަތޭން" ގައި ލީޑް ރޯލު ކުޅޭ ބަތަލާ ދިވްޔަންކާ ޓްރިޕާތީ އާއި އެ ފިލްމުގައި އިންސްޕެކްޓަރުގެ ރޯލު އަދާކުރާ ވިވެކް ދާހިޔާގެ ކައިވެނީގެ ރަސްމިއްޔާތު އަންނަ ޖުލައި މަހުގެ 8 ވަަނަ ދުވަހު އޮންނާނެ އެވެ.

ދިވްޔަންކާ އާއި ވިވެކްގެ ކައިވެނި ޖުލައި 8 ގައި
ދިވްޔަންކާ އާއި ވިވެކްގެ ކައިވެނި ޖުލައި 8 ގައި

މިހާރު ދައުވަތު ކާޑުތައް ބަހާ ނިމިފައި ވާއިރު ކައިވެނި ކުރިން ފެއަރީ ޓޭލް ތީމަށް މި ދެ ތަރިން ނަަގާފައިވާ ފޮޓޯޝޫޓެއްގެ ފޮޓޯއެއް ދިވްޔަންކާ ވަނީ އިންސްޓަގްރާމް ކޮށްފަ އެވެ. މި ފޮޓޯގައި މިދެ އެކްޓަރުން ހީވަނީ ހަމަ ހަގީގަތުގައި ވެސް ފެއަރީ ޓޭލް ވާހަކަތަކުގައި އުޅޭ ކެރެކްޓާތަކެއް ހެންނެވެ. ވިވެކް އާއި ދިވްޔަންކާ އަކީ އިންޑިއާގެ ޓީވީ ސިލްސިލާތައް ކުޅޭ ތަރިންގެ ތެރެއިން އެންމެ ކުރީގައި އުޅޭ ދެ ތަރިން ކަމަށް ބުނެވިދާނެ އެވެ.

ޓީވީ ޗެނަލްތަކުން ދައްކާ ސިލްސިލާތަކުގެ ތެރެއިން އެއްވަނައިގައި ކުރިން އޮތީ ދިވްޔަންކާގެ "ޔޭ ހޭ މުހައްބަތޭން" ނަމަވެސް ވިވެކް ލީޑް ރޯލު އަދާކުރާ މުޅިން އާ ޝޯއެއް ކަމަށްވާ "ކަވަޗް" ދައްކަން ފެށުމާ އެކު އެ ޝޯއަށް ވަނީ އެއް ވަނަ ޝޯގެ މަގާމު ލިބިފަ އެވެ.

ކައިވެނީގެ ދުވަސް ކައިރިވަމުން އަޔަސް ދިވްޔަންކާ އާއި ވިވެކް އަށް ހުސް ވަގުތުކޮޅެއް ނެތެވެ. އެމީހުންނަށް ބިޒީކޮށް އުޅެންޖެހިފައިވަނީ ޝޯގެ އެޕިސޯޑްތައް ޝޫޓް ކުރުމުގަ އެވެ.

ކައިވެނީގެ ރަސްމިއްޔާތުތައް ބާއްވަން ހަމަޖެހިފައި ވަނީ ދިވްޔަންކާގެ އުފަން ރަށް ކަމަށްވާ ބޯޕާލް ގައި ޖުލައި 8 ގަ އެވެ. އަދި އެއަށްފަހު ރިސެޕްޝަން އޮންނާނީ ޖުލައި 10 ވަނަ ދުވަހު ޗަންދީގަރް ގައެވެ. އަދި އެނބުރި މުމްބައި އަށް ގޮސް އެކުވެރިންނަށް ކުޑަ ޕާޓީއެއް ބޭއްވުމަށް ވެސް ދިވްޔަންކާ އާއި ވިވެކް ވަނީ ރާވާފަ އެވެ.

ދިވްޔަންކާ އާއި ވިވެކް ބައްދަލުވެފައި ވަނީ ރައްޓެހިންތަކެއް މެދުވެރިވެގެންނެވެ. އޭގެ ފަހުން "ޔޭ ހޭ މުހައްބަތޭން" ގައި ވިވެކް ބައިވެރިވާން ފެށުމުން ދެ މީހުންގެ ގުޅުން އިތުރަށް ބަދަހިވި އެވެ. ދެ މީހުން ކައިވެނިކުރަން އުޅޭކަން އިއުލާންކޮށްފައި ވަނީ މީގެ ދެ ތިން މަސް ކުރިންނެވެ. ނަމަވެސް އޭރު ވިވެކް ބުނެފައިވަނީ ކައިވެނިކުރާނީ އޭނާ ލީޑް ރޯލު ކުޅޭ ޝޯއެއް ދައްކަން ފެށީމަ ކަމަށެވެ. އެގޮތުން "ކަވަޗް" ދައްކަން ފެށުމާއެކު ދިވްޔަންކާ އާ ކައިވެނިކުރަން ވިވެކް ނިންމީ އެވެ.