05 ސެޕްޓެމްބަރ 2017 - 12:02

މުޖުތަމައުގައި ހުރި މައްސަލަތައް ދައްކުވައިދޭ ކުރު ފިލްމުތަކެއް ހަދަން ދިރާގުން ޔޫއެންޑީޕީއާ ގުޅިގެން ޒުވާނުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

ފިލްމުތައް ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން މިދިޔަ މަހު ވަނީ މިކަމުގައި ބައިވެރިވާ ޒުވާނުންނަށް "ފިލްމް ފޯ ޗޭންޖް"ގެ ނަމުގައި އެއް ހަފުތާގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފަ އެވެ. ދިރާގުން ބުނީ އެ ތަމްރީނު ޕްރޮގްރާމުގައި މައުލޫމާތު ދިނީ އިންޑަސްޓްރީގެ ތަޖުރިބާކާރުން ކަމަށެވެ.
"މައުލޫމާތު ދިނީ އިންޑަސްޓްރީގެ ތަޖުރިބާކާރުން. އޭގެ ތެރެއިން ބައެއް ފަރާތްތަކުން ފިލްމް ޕްރޮޑަކްޝަންގައި ގްރޫޕްތައް މެންޓާ ވެސް ކޮށްދޭނެ،" ދިރާގުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފިލްމްތަކުގެ ޕްރޮޑަކްޝަން މިހާރު ފަށާފައި ވާއިރު، މެންޓާއިންގެ ގޮތުގައި ބައިވެރިވަނީ އެޓާނަލް ޕިކްޗާސް އާއި މަދޮށިފް އަދި ސްޓްރީކުންނެވެ.
ދިރާގުން ބުނީ ފިލްމުތައް ހަދާނީ ޔޫއެންޑީޕީން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތީމްތަކަށް ކަމަށެވެ.
ދިރާގުން ބުނީ ފިލްމު އެޅުވުމުން މައްސަލަތަކާ މެދު މީހުން ވާހަކަ ދެއްކުން އިތުރު ކުރެވޭނެ ކަމަށެވެ. އަދި ފިލްމްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ދިރާގުން ބުނީ މި ފިލްމުތައް އާންމުންނަށް ދައްކާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށެވެ.