05 ސެޕްޓެމްބަރ 2017 - 06:25

އިނގިރޭސި ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން އަށް ތިން ވަނަ ދަރިއަކު ލިބޭކަން ބަކިމްހަމް ޕެލަސް އިން އިއުލާންކޮށްފި އެވެ.

އާއިލާ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ކޭޓް އިނީ ތިން ވަނަ ދަރިއަކަށް ބަލިވެ ކަމަށާއި މިއީ އާއިލާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ދެހާސް އެގާރަ ވަނަ އަހަރު ވިލިއަމާއި ކޭޓް ކައިވެނި ކުރުމަށް ފަހު، ފުރަތަމަ ދަރިފުޅު ޕްރިންސް ޖޯޖް އުފަންވީ 2013 ގަ އެވެ. ދެވަނަ ދަރިފުޅު ޕްރިންސެސް ޗާލޮޓް އުފަންވީ 2015 ގަ އެވެ.
ޕްރިސެސް ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ ދޮށީ ފިރިހެން ދަރިފުޅު ވިލިއަމް ދާދި ފަހުން ބުނި ގޮތުގައި ބައްޕައަކަށްވުމަކީ ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވޭ ކަމެކެވެ. އަދި ދަރިންނާ އެކު ވަގުތުތައް ހޭދަކޮށް ދަރިން ބޮޑުވާ ތަން ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ.
ވިލިއަމް، 35، ބުނީ ކޭޓް ކަހަލަ އަންބަކު ލިބުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ނަސީބު ކަމަށާއި އެއީ ވަރަށް ރަނގަޅު އަންބެއް ކަމަށެވެ.
"އަދި ހަމައެއާ އެކު ކޭޓަކީ އެހާމެ ޒިންމާދާރު ފުރިހަމަ މަންމައެއް،" ވިލިއަމް ބުންޏެވެ.
ކައިވެނިކޮށް، ވިލިއަމަށް ތިން ވަނަ ދަރިއަކު ލިބޭ އިރު އޭނާގެ ކޮއްކޮ ޕްރިންސް ހެރީ، 32، އަދި ކައިވެންޏެއް ނުކުރެ އެވެ.
ހެރީ އާއި "ހޮރިބަލް ބޮސެސް" އާއި "ރިމެމްބަ މީ" ފަދަ ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ ބަތަލާ މެގަން މާކަލް ރައްޓެހިވެގެން އުޅޭތާ މިހާރު ދުވަސްތަކެއްވެފައިވާ އިރު، އެ ދެ މީހުން ކައިވެނި ޕްލޭން ކުރަމުން އަންނަ ކަމަށްވެ އެވެ.