04 ސެޕްޓެމްބަރ 2017 - 19:53

ނިއު ދިއްލީ (ސެޕްޓެމްބަރު 4) - އިންޑިއާގެ ކެބިނެޓަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިއްޔެ ގެންނެވި ބަދަލުތަކުގެ ތެރޭގައި އަންހެން ބޭފުޅަކަށް ދިފާއީ ވަޒީރުކަން ދެއްވުމުން ތައުރީފާއި ފާޑު ކިޔުން އަމާޒުވާން ފަށައިފި އެވެ.
ދިފާއީ ވަޒީރުކަމާ އަލަށް ހަވާލުވެވަޑައިގަންނަވާ ނިރްމަލާ ސިތާރަމަން އަކީ ކުރީގެ ސްޓޭޓް މިނިސްޓާ ފޯ ކޮމާސް އެންޑް އިންޑަސްޓްރީ އެވެ. އެކަމަނާ ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. ސިތާރަމަން އަކީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާން ވެސް މެ އެވެ.
އިންޑިއާގެ ދިފާއީ ވަޒީރުކަމުގެ މަގާމު އަންހެން ބޭފުޅަކަށް ދިނުމަކީ ވަރަށް ނާދިރު ކަމެކެވެ. ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާނދީ ވަނީ ދިފާއީ ވަޒީރުކަމުގެ މަސްއޫލިއްޔަތު މީގެ ކުރިން އުފުއްލަވައިފަ އެވެ. ނަމަވެސް އެކަމަނާ ދިފާއީ ވުޒާރާއާ ހަވާލުވެވަޑައިގެންނެވީ އެހެން ބައެއް މަގާމުތައް އަދާކުރައްވަމުންނެވެ.
ދިފާއީ ވަޒީރުގެ މަގާމަށް އަންހެނަކު ހަމަޖެއްސުމަކީ އެއް ބަޔަކު ދެކޭ ގޮތުގައި އިންޑިއާގައި އަންހެނުންނަށް ފުރުސަތު ބޮޑުވަމުން ދިއުމެވެ. އެނެއް ބަޔަކު ބުނާ ގޮތުގައި އެއީ މި ދަނޑިވަޅުގައި މޯދީ ހެއްދެވި ގޯހެއް ކަމަށެވެ.
"ޕާކިސްތާނާއި އިންޑިއާގެ ބޯޑަރު ކައިރީ މަޝްރަހު ހޫނުވެފައި ވަނިކޮށް ދިފާއީ ވަޒީރުކަމުގެ މަގާމަށް ގެންނަން ޖެހޭނީ އެ ދާއިރާގެ ތަޖްރިބާ ހުރި މީހެއް،" އިންޑިއާގެ އިކޮނޮމިކް ޓައިމްސްގެ ޚިޔާލު ކޮލަމުގައި ލިޔެފައިވެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ސިތާރަމަން އަށް ދިފާއީ ވަޒީރުކަން ދިނުމަކީ ކުއްލި ހައިރާން ކަމެއް ލިބުނު ކަމެކެވެ.
މަގާމުގެ އާ މަސްއޫލިއްޔަތުގެ ދަށުން ސިތާރަމަން އަށް ކުރައްވަން ޖެހޭ އެންމެ މުހިންމު ކަމަކީ އިންޑިއާގެ އަސްކަރީ ޒަމާނީ ކުރުމެވެ.
އިންޑިއާގެ ސީނިއާ ކެބިނެޓް މިނިސްޓަރުންގެ ތެރޭގައި ހަ އަންހެނުން ހިމެނެ އެވެ. މިއީ ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ތެރޭ ކެބިނެޓުން އަންހެނުންނަށް މިހާ ގިނައިން ފުރުސަތު ލިބުނު ފަހަރެވެ.
މޯދީގެ ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި ރެއިލްވޭ މިނިސްޓަރު ސުރޭޝް ޕްރަގޫ މަގާމުން ދުރުކުރުން ހިމެނެ އެވެ. އިންޑިއާގައި ތަކުރާރުކޮށް ރޭލް އެކްސިޑެންޓްތައް ހިނގަން ފެށުމާ ގުޅިގެން އޭނާ ވަނީ އިސްތިއުފާ ދޭން ނިންމަވައިފަ އެވެ.