04 ސެޕްޓެމްބަރ 2017 - 16:01

ސޯލް (ސެޕްޓެމްބަރު 4) - ނޯތު ކޮރެއާ އިން އިތުރު މިސައިލްތައް ޓެސްޓް ކުރަން ތައްޔާރުވަމުންދާ ކަމުގެ ހެކިތައް ލިބެމުންދާ ކަމަށް ސައުތު ކޮރެއާ އިން ބުނެފި އެވެ.
މި ހަފުތާ ބަންދުގައި ނޯތު ކޮރެއާ އިން ވަނީ ނިއުކްލިއާ ބޮމެއް ޓެސްޓްކޮށްފަ އެވެ. މި ޓެސްޓާ ގުޅިގެން ސައުތު ކޮރެއާ އިން މިހާރު ދަނީ އެމެރިކާގެ އެހީގައި ހަރުކޮށްފައިވާ މިސައިލުން ދިފާއުވެވޭނެ ނިޒާމު އިތުރަށް ވަރުގަދަ ކުރަމުންނެވެ. ނޯތު ކޮރެއާގެ މިސައިލް ޓެސްޓްތަކާ ގުޅިގެން ސައުތު ކޮރެއާ އިން މިހާރު ވަނީ އަސްކަރީ ފަސް ތަމްރީނު ބާއްވައިފަ އެވެ.
އެމެރިކާ އިން ވަނީ އެ ގައުމަށް ނުވަތަ އެ ގައުމުގެ ބައިވެރިއަކަށް ނޯތު ކޮރެއާގެ ފަރާތުން އަސްކަރީ ގޮތުން ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ އެއަށް ވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެފަ އެވެ.
ނޯތު ކޮރެއާ އިން ބުނެފައި ވަނީ އެންމެ ފަހުން ޓެސްޓްކޮށްފައި ވަނީ ދިގު ރާސްތާ މިސައިލުގައި އުފުލުމުގެ ގާބިލްކަން ލިބިފައިވާ ހައިޑްރިޖަން ބޮމެއް ކަމަށެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހު ތެރޭ ނޯތު ކޮރެއާ އިން ވަނީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފަ އެވެ. ކޮންމެ ޓެސްޓަކާ ގުޅިގެން އެމެރިކާ އާއި ސައުތު ކޮރެއާ އަދި ޖަޕާނުގެ އިތުރުން އދ. އިން އިންޒާރުތައް ދިން ނަމަވެސް ނޯތު ކޮރެއާ އިން ދަނީ އެ އިންޒާރުތަކަށް ބެލުމެއް ނެތި އިތުރު ޓެސްޓްތައް ކުރަމުންނެވެ. ނޯތު ކޮރެއާއާ ދެކޮޅަށް ސަލާމަތީ މަޖިލީހުން އެންމެ ފަހުން ދަތި ކުރުމުގެ ފިޔަވަޅު އެޅީ މިދިޔަ އޮގަސްޓް މަހު އެވެ.