04 ސެޕްޓެމްބަރ 2017 - 13:58

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އަމުރަކަށް އޭނާގެ ފަރާތުން ސިވިލް ކޯޓުގައި އެދިއްޖެ އެެވެ.
އަދީބުގެ ވަކީލުންގެ ޓީމުގައި ހިމެނޭ މޫސާ ސިރާޖު މިއަދު ވިދާޅުވީ އަދީބުގެ ބޭސްފަރުވާ އަށް ބޭރަށް ގެންދިއުމުގެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އެކަމަކު އޭގެ ފަހުން އީދު ބަންދު ކުރިމަތިވުމާ ގުޅިގެން، އެ މައްސަލަ ކޯޓަށް ބަލައިގަތް ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.
އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ގެންދިއުމުގެ އަމުރަކަށް އެދުނުއިރު، އޭނާގެ އެތެރެހަށީގައި ސިސްޓެއް އުފެދި އަދި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އަދި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" ވެސް ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
އަދީބުގެ ހާލު ސީރިއަސް ވެފައިވާ މިންވަރަށް ބަލާއިރު، ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސިއްހީ ފަރުވާ އިން އޭނާ މަހުރޫމް ނުކުރުމަށް އާއިލާ އާއި ވަކީލުން ގެންދަނީ ކަމާގުޅޭ މުއައްސަސާތަކުގައި ވެސް އެދެމުންނެވެ. އެކަމަކު މިހާތަނަށް އެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަކުން ނުދެ އެވެ.
ސިރާޖު ވިދާޅުވީ އަދީބުގެ ހާލު ގޯސްވަމުންދާއިރު މިދުވަސްވަރު ވަރަށް ބޮޑަށް ހުން ގަދަވެފައިވާ ކަމަށެވެ.
އަދީބު ސިއްހީ ފަރުވާ އިން މަހްރޫމް ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ޚިލާފުވުން ކަން ފާހަގަކޮށް، ބޭސްފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލައިފަ އެވެ.
ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރުމާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.
ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ އަދީބު ބޭސްފަރުވާ އަށް ފޮނުވޭނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ދެއްކުމުން ކަމަށެވެ.