04 ސެޕްޓެމްބަރ 2017 - 13:11

ކޮލަމްބޯ (ސެޕްޓެމްބަރު 3) - މީގެ ތިން އަހަރު ކުރިއާ އަޅާބަލާ އިރު ސްރީ ލަންކާގެ ބޭރުގެ އިންވެސްޓްމަންޓް މި އަހަރުގެ މިހާތަނަށް 300 ޕަސެންޓް އިތުރުވެފައިވާ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ލަންކާގައި ބާއްވާ ޖެމް އެންޑް ޖުވެލަރީ މައުރަޒް ހުޅުއްވައިދެއްވުމަށް ފަހު ރަނިލް ވިދާޅުވީ ބޭރު ފައިސާގެ އާމްދަނީ ތިން ގުނަ މައްޗަށް ޖެއްސުމަށް ލަންކާގެ ޖަވާހިރު އިންޑަސްޓްރީ ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. ރަނިލް ވިދާޅުވީ ހަމްބަންޓޯޓާގައި ޖެމް އެންޑް ޖުވެލަރީ އިންޑަސްޓްރީ ޒޯނެއް ގާއިމް ކުރުމަށް ބައެއް އިންވެސްޓަރުން ބޭނުންވާ ކަމަށެވެ. އަދި އަނެއް ބައި އިންވެސްޓަރުން ބޭނުން ވަނީ ކަތުނަޔަކަ ނުވަތަ ކުރުނެގަލާގައި އިންޑަސްޓްރިއަލް ޒޯން ގާއިމް ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ލަންކާ އަށް ބޭރު ފައިސާ ވަންނަ އެންމެ މުހިންމު އެއް ދާއިރާއަކީ ޖެމް އިންޑަސްޓްރީ އެވެ. ކޮލަމްބޯގެ ސިރިމާވޯ ބަންޑާރަނައިކަ މެމޯރިއަލް އެކްޒިބިޝަން ސެންޓަރުގައި އޮންނަ މައުރަޒް އިއްޔެގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.