04 ސެޕްޓެމްބަރ 2017 - 13:02

އިސްލާމްއާބާދު (ސެޕްޓެމްބަރު 4) - އެހީގެ ގޮތުގައި އެމެރިކާ އިން ޕާކިސްތާނަށް ދީފައި ވަނީ ބިލިއަން ޑޮލަރު ނޫން ކަމަށާއި "ޕީނަޓްސް" ކަމަށް ކުރީގެ ދާޚިލީ ވަޒީރު ނިސާރު އަލީ ޚާން ވިދާޅުވެއްޖެ އެވެ.
ދެކުނު އޭޝިއާއާ ގުޅޭ ގޮތުން އެމެރިކާގެ އާ ސިޔާސަތު ހާމަކުރައްވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ބައެއް ވާހަކަތަކަށް ޕާކިސްތާނުގެ އޮފިޝަލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ އިން ޕާކިސްތާނަށް ދިން އެހީ ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ބަދަލުގައި ޓެރަރިސްޓް ޖަމާއަތްތަކަށް ޕާކިސްތާނުން ރައްކާތެރިކަން ދޭތީ އެމެރިކާ އިން ވަނީ ފާޑު ކިޔައިފަ އެވެ.
ޚާން ވަނީ ވޭތުވެދިޔަ 10 އަހަރު ދުވަހު ތެރޭ އެމެރިކާ އިން ޕާކިސްތާނަށް ދިން އެހީގެ އޮޑިޓެއް ހެއްދެވުމަށް ގޮވާލައްވައިފަ އެވެ.
"އެއީ ބިލިއަން ޑޮލަރުގެ އެހީއެއް ނޫން. އެއީ ޕީނަޓްސް،" ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޚާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަފްޣާނިސްތާނުގައި އެމެރިކާގެ ސިޔާސަތު ފެއިލްވުމަކީ އޭގެ ޒިންމާ ޕާކިސްތާނުން އުފުލަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. ޚާން ވިދާޅުވީ ކޯލީޝަން ސަޕޯޓް ފަންޑަށް އެމެރިކާ އިން ދިން އެހީ އަކީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސްލާމްއާބާދުން ވެސް ކޮށްދިން މަސައްކަތުގެ އަގު ކަމަށެވެ.
"ޕާކިސްތާނުން ފޯރުކޮށް ދިން އަސްކަރީ ޚިދުމަތަށް ބިލް ކުރާ ނަމަ އެމެރިކާ އިން 500 މިލިއަން ޑޮލަރު ދޭން ޖެހޭނެ. އެކަމަކު އެ މީހުން ދީފައި ވަނީ 200 މިލިއަން ޑޮލަރު،" ޚާން ވިދާޅުވި އެވެ. "އެ މީހުން ވަނީ ޕާކިސްތާނުގެ މަގުތަކާއި ވައިގެ ސަރަހައްދާއި މުޅި ގައުމު ހަލާކުކޮށްލާފައި. އެކަމަކު އޭގެ އަގު ދޭން ޖެހުމުން ދެކޮޅު ހަދާ."