އައިއެސްގެ ލީޑަރު މަރުވެފައިވާނެ ކަމަކަށް ނުބެލެވޭ
އައިއެސްގެ ލީޑަރު މަރުވެފައިވާނެ ކަމަކަށް ނުބެލެވޭ

ވޮޝިންޓަން (ސެޕްޓެމްބަރު 4) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ މަރުވެފައިވާނެ ކަމަށް ނުބެލެވޭ ކަމަށާއި ކޮންމެވެސް ހިސާބެއްގައި އޭނާ އުޅޭނެ ކަމަށް އެމެރިކާގެ ސީނިއާ ޖެނެރަލަކު ވިދާޅުވެއްޖެ އެވެ.

އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާ ކޯލީޝަނުގެ ކޮމާންޑަރު ސްޓެފަން ޓައުންސެންޑް ވިދާޅުވީ އިރާގާއި ސީރިއާ ގުޅޭ ބޯޑަރު އޭރިއާގެ ކޮންމެވެސް ތަނެއްގައި ބަޣުދާދީ ވާނެ ކަމަށެވެ. އަދި އިރާގާއި ސީރިއާގައިވާ އައިއެސްގެ ތަންތަނަށް ވަރުގަދަ ހަމަލާތައް ދޭން ފެށުމުން އޭނާ ފިލާފައިވާނެ ކަމަށް ވެސް ޖެނެރަލް ޓައުންސެންޑް ވިދާޅުވި އެވެ.

ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ އަށް މެއި މަހު ދިން ވައިގެ ހަމަލާތަކުގައި ބަޣުދާދީ މަރުވެފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ރަޝިޔާ އިން ވަނީ ޖޫން މަހު ބުނެފަ އެވެ. ބަޣުދާދީ މަރުވެފައިވާ ކަމަށް މީގެ ކުރިން ވެސް ބައެއް ރިޕޯޓްތަކުން ބުނެފައިވެ އެވެ.

ނަމަވެސް ޓައުންސެންޑް ވިދާޅުވީ ބަޣުދާދީ ދުނިޔޭގައި ހުރި ކަމުގެ މައުލޫމާތު ޖާސޫސީ ޗެނަލްތަކުން ލިބެމުންދާ ކަމަށެވެ.

"އޭނާ ހޯދަން ކޮންމެ ދުވަހަކުވެސް މި ދަނީ މަސައްކަތް ކުރަމުން. އޭނާ މަރުވެފައިވާ ކަމަށް ގަބޫލެއް ނުކުރެވޭ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓައުންސެންޑް ވިދާޅުވި އެވެ.

އެމެރިކާ ކޯލީޝަނުން އިރާގުގެ މޫސަލް ހިފުމުގެ އޮޕަރޭޝަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށުމުގެ ކުރިން ބަޣުދާދީ ދިރިއުޅުނީ އެ ސިޓީގައި ކަމަށްވެ އެވެ. އޭނާގެ އެންމެ ފަހުގެ އޯޑިއޯ މެސެޖު އާއްމުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހު 2 ވަނަ ދުވަހު އެވެ. ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 25 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.