ގެއްލުނު ހައްޖުވެރިޔާ މައްކާއިން ފެނިއްޖެ
ގެއްލުނު ހައްޖުވެރިޔާ މައްކާއިން ފެނިއްޖެ

މިދިއަ ހުކުރު ދުވަހު ހިލަ އުކަން ދިޔަ ގޮތަށް ގެއްލުނު އަބްދުއްލަތީފު އަލީ މިއަދު މައްކާ އިން ފެނިއްޖެ އެވެ.

ޅ. ނައިފަރު އަބްދުއްލަތީފު، 71، މި ފެނުނީ ހައްޖުގެ އެންމެ ފަހު ކަންތައް ކަމަށްވާ ހިލަ އުކަން ތިބުމަށް ފަހު ދިވެހި ހައްޖުވެރިން އެނބުރި މައްކާއަށް ވެސް އިއްޔެ ދިޔަ ފަހުންނެވެ. މިއީ މި ފަހުގެ ތަރީޚެއްގައި ދިވެހި ހައްޖުވެރިޔަކު ގެއްލިގެން ހަބަރެއް ނުވެ މިހާ ގިނަ ދުވަސް ވީ ފުރަތަމަ ފަހަރެވެ.

މައްކާގައި މިވަގުތު ހުރި "މިހާރު" ގެ ސީނިއަ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދު ބުނީ އަބްދުއްލަތީފު ފެނުނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ގްރޫޕެއް ހަރަމްފުޅަށް ދިޔަ މަގުމަތީގައި ކަމަށެވެ. އެ ގްރޫޕް ތެރޭގައި އެވަގުތު އަހުމަދު ވެސް ހުއްޓެވެ.

އަހުމަދު ބުނި ގޮތުގައި ފެނުނު އިރު އަބްދުއްލަތީފުގެ ހާލު ރަނގަޅެވެ.

"އަބްދުއްލަތީފް ފެނުނީ، އަޅުގަނޑާއި އިތުރު ބަޔަކު ތޮވާފް ކުރަން ގެފުޅު ކައިރިއަށް ދަނިކޮށް، ހޮޓަލާ ވަރަށް ކައިރިން އޭނާ ފެނުނީ،" އަހުމަދު ބުންޏެވެ.

އަހުމަދު ބުނި ގޮތުގައި އަބްދުއްލަތީފް ފެނުނުއިރު، އޭނާގެ ފަރާތުން އެއްވެސް މައްސަލައެއް ފާހަގައެއް ނުވެ އެވެ. އަމިއްލަ އަށް ހިނގާ ބިގާވެ އުޅެވޭ ކަމަށް ވެސް ބުންޏެވެ.

"ގެއްލުނީ ކީއްވެގެން ކަން އަދި އަހާނުލެވޭ. އެކަމަކު ވާހަކަ ދައްކާ ހަދައި. ނަފްސާނީ ގޮތުން ވެސް މާ ބޮޑު މައްސަލައެއް ނެތް. އާންމު ގޮތެއްގައި މީހަކު ގެއްލިގެން ފެންނައިރު، ބޯ ސަކަރާތްވެ، ގޮތް ގޮތްވާނެ. އެކަމަކު އެކަހަލަ ކަމެއް އަބްދުއްލަތީފަށް ކުރިމައްޗެއް ނުވޭ،" އަހުމަދު ބުންޏެވެ.

ހިލަ އުކަން ނުކުމެ އުޅޭ އިރު ބައެއް ދިވެހިން ކުރިން ވެސް ގެއްލެ އެވެ. އެކަމަކު އެއް ދުވަސް ނުވަތަ ދެ ދުވަހުގެ ތެރޭގައި އެ މީހުން ފެނި، ގްރޫޕާ ހަވާލުކުރެ އެވެ. އެހެންކަމުން އަބްދުއްލަތީފަކީ މިފަހުގެ ތާރީހެއްގައި ގެއްލިގެން ނުފެނި އެންމެ ގިނަ ދުވަސް ވީ ދިވެހި ހައްޖުވެރިޔާ އެވެ.

އަންހެނުންނާ އެކު ފުރަތަމަ ފަހަރަށް ހައްޖަށް ދިޔަ އަބްދުއްލަތީފާ އޭނާގެ އާއިލާއާ އެންމެ ފަހުން ގުޅުނީ ހިލަ އުކަން ދިއުމުގެ ކުރިންނެވެ. އޭނާއާ އެކު އިތުރު ތިން މީހަކު ވެސް ގެއްލުނެވެ. އެކަމަކު އެ އެންމެން ވަނީ ކުރިން ފެނިފަ އެވެ.