04 ސެޕްޓެމްބަރ 2017 - 11:53

މައްކާ (ސެޕްޓެމްބަރު 4) - ހައްޖުގެ އަޅުކަމުގައި މި އަހަރު ބައިވެރިވި ދެ މިލިއަނަށް ވުރެ ގިނަ މީހުން 20-25 ބިލިއަން ރިޔާލް (5.3-6.7 ބިލިއަން ޑޮލަރު) ޚަރަދުކޮށްފައިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މައްކާ ޗެމްބާ އޮފް ކޮމާސް އިންޑަސްޓްރީގެ ރައީސް މާހިރު ޖަމާލް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރާ އަޅާ ބަލާއިރު ހައްޖުވެރިން އިތުރުވެފައިވާ ނިސްބަތުން، ހައްޖުވެރިންގެ އަތުން މި އަހަރު ލިބުނު އާމްދަނީ ވެސް 20 ޕަސެންޓް އިތުރުވެފައިވާނެ ކަމަށެވެ.
ދުނިޔޭގެ 168 ގައުމުން 2.35 މިލިއަން މީހުން މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި ކަމަށް ސައުދީ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. މީގެ ތެރޭން 1.75 މިލިއަނަކީ ސައުދީ އަރަބިއާ ފިޔަވައި އެހެން ގައުމުތަކުން ހައްޖަށް ދިޔަ މީހުންނެވެ. ކޮންމެ ހައްޖުވެރިއަކު ވެސް ސައުދީގެ ހުރުމަށާއި ކެއުމާއި ދަތުރު ފަތުރު އަދި ހަދިޔާ ގަތުމަށް ގާތްގަނޑަކަށް ހާހެއްހާ ޑޮލަރު ޚަރަދު ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މި ހުރިހާ ފައިސާއެއް ވެސް ވަންނާނީ ސައުދީގެ އިގްތިސާދަށެވެ.
ތެލުގެ އަގު ދަށްވަމުން ދާތީ ސައުދީން މިހާރު ވަނީ އާމްދަނީ އިތުރު ކުރާނެ ގޮތްތަކަށް ބަލަމުންނެވެ. މި ގޮތުން ރިލިޖަސް ޓޫރިޒަމަކީ ސައުދީން އެންމެ އިސްކަން ދޭ އެއް ދާއިރާ އެވެ. ސައުދީ ސަރުކާރުން މިދިޔަ އަހަރު ވަނީ ހައްޖާއި އުމްރާ އަށް ދާ މީހުންގެ ވިސާ ފީ ވެސް ވަރަށް ބޮޑުތަން ބޮޑު ކޮށްފަ އެވެ.
ހައްޖާއި އުމްރާ އަށް ދާ މީހުންގެ އަދަދު އިތުރު ކުރުމަކީ ސައުދީން އިއުލާންކޮށްފައިވާ ވިޝަން 2030 ގައި ވެސް ހިމެނޭ ބައެކެވެ. ދުނިޔޭގައި އެންމެ ގިނައިން ސާފު ނުކުރާ ތެޔޮ އެކްސްޕޯޓް ކުރާ ސައުދީން މި ޕްލޭން އިއުލާން ކުރީ 2014 ވަނަ އަހަރު ތެލުގެ މާކެޓް ދަށްވުމުން ތެލުގެ އާމްދަނީ އަށް ބަރޯސާވުން ކުޑަ ކުރުމަށެވެ. ވިޝަން 2030 ގައި އަމާޒުކޮށްފައި ވަނީ ހަ މިލިއަން މީހުން ހައްޖަށް ގެންދިއުމަށެވެ. އަދި އަހަރު ދުވަހު ތެރޭ 30 މިލިއަން މީހުން އުމްރާ އަށް ގެންދިއުމަށެވެ.