04 ސެޕްޓެމްބަރ 2017 - 11:15

އޯކިޑްމަގު، އިވްނިން ކެފޭ ކުރިމަތީގައި ހުރި ޖަންކްޝަނަކުން ނަޖިސް ބޭރުވުން މިހާރު ހައްލުކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ރޭ ބުނެފި އެވެ.
ޖަންކްޝަނުން ނަޖިސް ބޭރުވާން ފެށީ އިއްޔެ މެންދުރު ފަހު އެވެ. އެއާ އެކު މުޅި ސަރަހައްދަށް އޮތީ ނުބައި ވަސް ފެތުރިފަ އެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ ޖަންކްޝަނަކުން ނަޖިސް ބޭރުވާ ކަމުގެ މައުލޫމާތު ލިބިގެން އެ ކުންފުނީގެ ޓީމުން ގޮސް، ވިއްސަކަށް މިނެޓު ތެރޭގައި މައްސަލަ ހައްލުކުރި ކަމަށެވެ.
ދޭތެރެ ދޭތެރެއިން މާލޭގެ ބައެއް ޖަންކްޝަންތަކުން ނަޖިސް ބޭރުވެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އޭގެ ސަބަބަކީ މާލޭގެ ނަރުދަމާގެ ނިޒާމް، މިހާރުގެ އާބާދީއަށް އެކަށީގެން ނުވުމުވެ.
މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމަށް 75 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް އެމްޑަބްލިއުއެސްސީ އިން ވަނީ ފަށައިފަ އެވެ. މިއީ 300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެކެވެ. އެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އެ ކުންފުނިން އުއްމީދުކުރެ އެވެ.
މާލޭގައި މިހާރު އޮތް ނަރުދަމާ ނިޒާމު ގާއިމްކުރީ 1988ގައި އޭރު އޮތް 70،000 ނުވަތަ 80،000 މީހުންގެ އާބާދީއަށް އަމާޒުކޮށެވެ. އެކަމަކު މާލޭގެ އާބާދީ މިހާރު ދެ ލައްކައާ ގާތް ކުރާއިރު، މުޅި ނިޒާމަށް ބާރުބޮޑުވެ، ޖަންކްޝަންތަކުން ނަޖިސް ލީކުވުމުގެ މައްސަލަ ކުރިމަތިވެ އެވެ.