05 ސެޕްޓެމްބަރ 2017 - 06:26

ބެންކްގައި ޖޮއިންޓް އެކައުންޓްތައް ހުރުމަކީ އެކަކު އަނެކަކަށް ކުރާ އިތުބާރު ބޮޑުވެފައި ފައިސާގެ ތަނަވަސްކަން ހުރި މިންވަރު ވެސް ހާމަވެފައި އޮންނަ ސަބަބަކަށް ވިޔަސް ދިރާސާއެއްގައި ބުނަނީ މިއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އާމްދަނީ އެއްކޮށްލައިގެން ގެންގުޅޭ ދެ މީހުންގެ މެދުގައި މާ ބޮޑެތި ޒުވާބުތައް ހިނގާ ކަމަށް މިކަމާ ބެހޭ ގޮތުން ކުރި ދިރާސާއެއްގައި ބައިވެރިކުރި ކޮންމެ ހަތަރު މީހަކުން އެކަކު ބުނެފައިވެ އެވެ. އަދި މިއީ އަލުން ސުލްހަ ނުވެވޭ ވަރުގެ އަރާރުމަށްވެ ވަރި އޮންނަނީ ވަރަށް ގާތުގަ އެވެ.
މި ދިރާސާ އަކީ މަނީމެގްޕައި ކިޔާ ވެބްސައިޓަކުން ކުރި ދިރާސާ އެކެވެ. މިއީ އިނގިރޭސި ވިލާތު މީހުން ފައިސާ ޚަރަދުކުރާ ގޮތް ދެނެގަތުމަށް ހެދި ދިރާސާ އެކެވެ.
މި ދިރާސާގައި އިސްކޮށް ހުރި ޖޭސްމީން ބާޓްލްސް ބުނި ގޮތުގައި މިއީ އަލަށް ކައިވެނިކުރީ މީހުން ފައިސާގެ މުއާމަލާތްތައް ވަކިން ބެލެހެއްޓުމުގެ މުހިންމުކަން އަންގައިދިން ދިރާސާއެކެވެ. އަދި ކައިވެނި ކޮށްގެން އެކުގައި ދިރިއުޅެން ފެށިޔަސް ބޭންކް އެކައުންޓްތައް ވަކިން ބަހައްޓަން ގިނަ މީހުން ޝައުގުވެރިވަނީ ހަމަ ރަނގަޅަށް ކަމަށް ބުނެ އޭނާ ވަނީ އެކަމަށް ވަރަށް ތާއީދުކޮށްފަ އެވެ.
އޭނާ ބުނި ގޮތުގައި ޖޮއިންޓް ބޭންކް އެކައުންޓްތަކަކީ ހަމައެކަނި ގޭގެ ޚަރަދުތައް ބަލަހައްޓަން ޚާއްސަކޮށްފައި އޮންނަ އެއްޗެއް ނަމަ މައްސަލައެއް ނެތެވެ. ނަމަވެސް ފައިސާގެ މިނިވަންކަން މުޅިން ނެތިގެން ހިނގައިދާނެތީ ގިނަ ދެމަފިރިން ބިރު ގަންނަކަން މި ދިރާސާއިން ފާހަގަކުރެވުނު ކަމަށް އޭނާ ބުންޏެވެ.
ދިރާސާގައި ސުވާލުކުރި މީހުންގެ ތެރޭގައި ހިމެނޭ 34 ޕަސެންޓް ދެމަފިރިން ބުނެފައިވަނީ އެމީހުންގެ ފައިސާގެ މުއާމަލާތްތައް މުޅިން ވަކިން ބަލަހައްޓަން ބޭނުންވާ ކަމަށެވެ.