03 ސެޕްޓެމްބަރ 2017 - 21:17

އޯކިޑްމަގު، އިވްނިން ކެފޭ ކުރިމަތީގައި ހުރި ޖަންކްޝަނަކުން ގިނަ އަދަދަކަށް ނަޖިސް މިއަދު ބޭރުވެއްޖެ އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނިގޮތުގައި އެ ޖަންކްޝަނުން "ބޮކިޖަހާފައި" ނަޖިސް ބޭރުވާން ފެށީ މިއަދު މެންދުރު ފަހު އެވެ. އެތައް އިރެއް ވަންދެން ނަޖިސް ބޭރުވުމުގެ ސަބަބުން މުޅި ސަރަހައްދަށް ވަނީ ނުބައި ވަސް ފެތުރިފަ އެވެ.
"އެތައް އިރެއްވިއިރު ވެސް ނަޖިސް ލީކުވަމުން ދިޔައީ. ވަރަށް ބޮޑަށް ލީކުވެ މުޅި ސަރަހައްދު ތަޣައްޔަރުވެފައި އޮތީ. އެކަން ހައްލު ކުރަން ބަޔަކު ނާދޭ،" މަންޒަރު ދުށް ފަރާތުން ބުންޏެވެ.
ޖަންކްޝަނުން ނަޖިސް ބޭރުވަމުންދާ މައްސަލައިގައި އެމްޑަބްލިއުއެސްސީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި ހުންނަ ޖަންކްޝަންތަކުން ދޭތެރެ ދޭތެރެ އިން ނަޖިސް ބޭރުވެ އެވެ. އެ މައްސަލަ އަށް މިހާތަނަށް ދާއިމީ ހައްލެއް ނުލިބެ އެވެ.