ފްރާންސްގެ މިއުޒިކް ޝޯއަކަށް ހޮނުއެޅުމުން 15 މީހުން ޒަޚަމް
ފްރާންސްގެ މިއުޒިކް ޝޯއަކަށް ހޮނުއެޅުމުން 15 މީހުން ޒަޚަމް

ޕެރިސް (ސެޕްޓެމްބަރު 3) - ފްރާންސްގެ އިރު އުތުރުގެ ސަރަހައްދެއްގައި މިއުޒިކް ޝޯއެއް ކުރިއަށް ދަނިކޮށް ހޮނު އެޅުމުގެ ސަބަބުން 15 މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ރީޖަނަލް ކައުންސުލުން ނެރުނު ބަޔާނެއްގައި ބުނީ އަޒެރައިލްސް ޓައުނުގައި ކުރިއަށް ދިޔަ ވިއު ކެނަލް ފެސްޓިވަލް ބޭއްވި ވަރަށް ގިނަ އޭރިއާތަކަށް ހޮނު އެޅި ކަމަށެވެ. ހޮނު އަޅައިގެން ޒަޚަމްވި މީހުންގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެ އެވެ. އޭރު އެ ކުދިން ތިބީ ވިއްސާރަވުމުގެ ސަބަބުން ޓެންޓްތަކަށް ވަދެ އެވެ. ރީނަލް ކައުންސިލުން ބުނީ ބައެއް މީހުން ގަޔަށް ސީދާ ހޮނު އެޅުމުގެ ސަބަބުން ހަންގަނޑު ފިހިފައިވާ ކަމަށެވެ. ހޮނު އެޅުމުގެ ސަބަބުން 60 ގެ އަހަރުތަކުގެ އަންހެނަކާއި 44 އަހަރުގެ ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށްވެ އެވެ. ބައެއް މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ވަނީ ފެސްޓިވަލުގެ އިމަޖެންސީ ޓީމުތަކުން ފަރުވާ ދީފަ އެވެ.

ހޮނު އެޅުމުގެ ހާދިސާއާ ގުޅިގެން ފެސްޓިވަލުގެ ހަރަކާތްތައް ވަނީ މެދުކަނޑާލައިފަ އެވެ. އަހަރުގެ މި ދުވަސްވަރު ފްރާންސްގެ ވަރަށް ގިނަ ހިސާބުތަކަށް މޫސުން ގޯސްވެ އެވެ. އަދި ތޫފާނުގެ އެލާޓް އާއްމުކޮށް ނެރެ އެވެ.