03 ސެޕްޓެމްބަރ 2017 - 19:49

ވޮޝިންޓަން (ސެޕްޓެމްބަރު 3) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފޯނު ކޯލުތައް އަޑުއެހި ކަމަށް އެމަނިކުފާނު ކުރެއްވި ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް ނެތް ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފި އެވެ.
މިދިޔަ މާޗު މަހު ޓްރަމްޕް ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޓްރަމްޕް ޓަވަރުގެ ފޯނު ކޯލްތައް އަޑު އަހާފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. އަދި އެކަން ކޮށްފައި ވަނީ ރައީސް ބަރަކް އޮބާމާ އަންގަވައިގެން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ޓްރަމްޕުގެ ޓްވީޓްތަކާ ގުޅިގެން ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އެ މައްސަލަ ތަހުގީގުކޮށްފަ އެވެ. ޖަސްޓިސް ޑިޕާޓްމަންޓުގެ ނޭޝަނަލް ސެކިއުރިޓީ ޑިވިޝަން އާއި އެފްބީއައި އިން ބުނެފައި ވަނީ މާޗު 4 ވަނަ ދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
ޓްރަމްޕް ދިރިއުޅުއްވި ނިއު ޔޯކުގެ ޓްރަމްޕް ޓަވަރަކީ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެ މަނިކުފާނުގެ ކެމްޕޭން ހެޑްކުއާޓަރެވެ.