އޮޒިލްއަށް އަމާޒުކުރި ފާޑުކިއުންތަކަށް ރައްދުދީފި
އޮޒިލްއަށް އަމާޒުކުރި ފާޑުކިއުންތަކަށް ރައްދުދީފި

މިއުނިކް (ސެޕްޓެމްބަރު 4) - އާސެނަލްގެ ތަރި މެސުޓު އޮޒިލް އަށް އެ ކްލަބްގެ ކުރީގެ ތަރިން މި ފަހުން އަމާޒުކުރި ފާޑުކިއުންތަކަށް އޭނާ ރައްދުދީފި އެވެ.

ދަނޑު މަތީގައި އޮޒިލްގެ ފަރާތުން މި ފަހުން ފެންނަނީ "ހިތްވަރު ނެތް" ހަރަކާތްތަކެއް ކަމާއި ކުރަންވާ ވަރަށް މަސައްކަތް ވެސް ނުކުރާ ކަމަށް އާސެނަލްގެ ކުރީގެ ބައެއް ތަރިން ބުނެ އެވެ. އޭގެ ރައްދެއްގެ ގޮތުން އޮޒިލް އެދުނީ "ފާޑުކިއުން ހުއްޓާލައިފައި، ސަޕޯޓްކޮށްދިނުމަށެ"ވެ.

ޕްރެމިއަ ލީގުގައި އެންމެ ފަހުން ލިވަޕޫލް އަތުން 4-0 އިން ބަލިވުމުން އާސެނަލްގެ ކުރީގެ ބައެއް ތަރިން ބުނެފައި ވަނީ މިއީ ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު އާސެނަލުގެ އެންމެ އާދައިގެ ސުކޮޑް ކަމަށެވެ.

މިދިއަ ހަތަރު އަހަރުގެ ތެރޭގައި އާސެނަލް ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިކަން އޮޒިލްގެ ފޭސްބުކްގައި އޭނާ ލިއުނެވެ. އެގޮތުން ހަތަރު އަހަރު ތެރޭ ތިން ފަހަރަށް އެފްއޭކަޕް އުފުލައިލިކަން އޭނާ ފާހަގަކުރީ، އެފްއޭކަޕްގެ އަނެއް 10 ތަށި އާސެނަލަށް ހޯދުނީ 75 އަހަރު ތެރޭގައި ކަމަށް ބުނެފަ އެވެ.

"ލަންޑަންގައި އަހަރެން ހޭދަކުރި ދުވަސްތަކުގައި ވަރަށް ގިނަ ފާޑުކިޔުން އަހަންނަށް ވެސް އަމާޒުވި. މާ އަގުބޮޑު، މާ އަމިއްލަ އެދުން ބޮޑު، ބޯޅަ ހޯދަން މަސައްކަތެއް ނުކުރާ ކުޅުންތެރިއެކޭ،" އޮޒިލް ބުންޏެވެ.

"މިއީ އާސެނަލްގައި ކާމިޔާބު ހޯދި މީހުންނާއި ކާމިޔާބު ނުލިބޭ އެކަމަކު ކުރީގެ ތަރިންނޭ ބުނާ މީހުން ދައްކާފައި ހުރި ވާހަކަ. އެކަމަކު އަހަރެން ބުނާނީ އެ ކުޅުންތެރިންނަށް އަހަރެން ނޭނގެނިއްޔޭ."

އޮޒިލްގެ ކުޅޭ ސްޓައިލަށް ބަލާއިރު އޭނާ އަކީ ބޯޅަ ހޯދަން މަސައްކަތްކުރާ ކުޅުންތެރިއެއް ނޫން ކަމަށް ބުނެ އާސެނަލްގެ ކުރީގެ ދެ ތަރިން ކަމަށްވާ ތިއަރީ އޮންރީ އާއި އިއާން ރައިޓް އޭނާ ވަނީ ވަނީ ފާޑުކިޔައިފަ އެވެ.

އޮޒިލް ބުނި ގޮތުގައި ފާޑުކިޔާނެކަން އޭނާ އަށް އެނގެ އެވެ. އަދި އެކަމާ ކަންބޮޑެއް ވެސް ނުވެ އެވެ. އެކަމަކު ފާޑުކިޔާ އިރު އޭގެ އަނެއް ފަރާތުގައި ހުރި ހަގީގަތްތަކަށް ވެސް ބަލަން ޖެހޭނެ ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އާސެނަލް ކަހަލަ ބޮޑު އަދި ތާރީޚެއް އޮތް ކްލަބަކަށް ކުޅެވޭތީ އޭނާ ފަހަރުވެރިވެ އެވެ. އަދި މި އަހަރުގެ ލީގު ހޯދުމަކީ އުއްމީދެ ކަމަށާއި ކުޅުންތެރިން މަސައްކަތް ވެސް ކުރަނީ އެ އަމާޒަށް ކަމަށް ވެސް ބުންޏެވެ.

މި ސީޒަނުގެ ނިޔަލަށް އާސެނަލާ އެކު އޮޒިލް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެތީ މި ފަހަރުގެ ޓްރާންސްފާގައި ކްލަބް ބަދަލުކޮށްފާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އޮޒިލް ނިންމީ އެ ކްލަބުގައި މަޑުކުރާށެވެ.