03 ސެޕްޓެމްބަރ 2017 - 16:21

މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައާ ގުޅިގެން ކުޑަ ދެ ކުއްޖަކު އިއްޔެ ހައްޔަރުކޮށް، އެ ކުދިންގެ ބަންދަށް ޖުވެނައިލް ކޯޓުން 15 ދުވަސް މިއަދު ޖަހައިފި އެވެ.
ބުދަ ދުވަހު ހަވީރު ހިނގި އެކްސިޑެންޓުގައި މަރުވީ ތ. ތިމަރަފުށީ އިރަމާގޭ، އިބްރާހީމް ރަޝީދު އާދަމް، 62، އެވެ. އޭނާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، އޭޑީކޭ އަށް ގެންގޮސް ފަރުވާ ދެނިކޮށް ހުކުރު ދުވަހު އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، 16 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އެއީ، އެކްސިޑެންޓުވިއިރު ސައިކަލް ދުއްވަން އިން ކުއްޖާ އާއި ސައިކަލް ފަހަތުގައި އިން ކުއްޖާ ކަން ވެސް އެނގިފައިވެ އެވެ.
ދެ ކުއްޖަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވީ ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ނުދެ އެވެ.
ރަޝީދު އެކްސިޑެންޓްވީ ހަބީބު ބޭންކް ކުރިމަތީގައި އޭނާގެ ސައިކަލް ޕާކް ކުރަން އުޅެނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، އޭނާގެ ސައިކަލްގައި ޖެހިގެންނެވެ.