ސުލްތާނަކީ ސަލްމާންގެ ކެރިއަރުގެ އެންމެ ދިގު އެއް ފިލްމު
ސުލްތާނަކީ ސަލްމާންގެ ކެރިއަރުގެ އެންމެ ދިގު އެއް ފިލްމު

އީދު ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ސަލްމާން ޚާންގެ "ސުލްތާން"ގެ ދިގުމިނަކީ ދެ ގަޑިއިރާއި 50 މިނެޓެވެ. މިއީ މިހާރު އުފައްދާ ބޮލީވުޑް ފިލްމުތަކުގެ ދިގުމިނަށް ބަލާއިރު ވަރަށް ދިގު ފިލްމެކެވެ. މިހާރުވެސް ސަލްމާންގެ އެތައް މިލިއަން ފޭނުންނެއް މި ފިލްމު ރިލީޒްކުރާނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާއިރު އިންޑިޔާގެ ސެންސަރު ބޯޑުން އެންމެ ތަންކޮޅެއް ވެސް ކަނޑާލުމެއް ނެތި ފިލްމު ވަނީ ފާސްކޮށްދީފަ އެވެ.

ބޮލީވުޑް ގިނަ ފިލްމުތައް ރިލީޒްކުރަނީ ހުކުރުދުވަހު ނަމަވެސް އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރާނީ އީދާ ގުޅުވައިގެން، އަންނަ ބުދަ ދުވަހު އެވެ.

ސަލްމާންގެ ބައްޕަ ސަލީމް ޚާން ބުނެފައިވާ ގޮތުގައި "ސުލްތާން" އަކީ ސަލްމާންގެ ފިލްމުތަކުގެ ތެރެއިން ނޭވާ ހިފަހައްޓާލައިގެން އެންމެ ބޮޑަށް އިންނަން ޖެހޭ ފިލްމެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަދިތުޔާ ޗޯޕްރާ ވަނީ އެންމެ ފުރަތަމަ އެ ފިލްމު ބަލާލުމުގެ ޝަރަފު ސަލްމާންގެ ބައްޕައަށް ދީފަ އެވެ. މީގެ ކުރިން ޔާޝްރާޖް ފިލްމްސްއަށް ސަލްމާން ކުޅެދިން "އޭކްތާ ޓައިގާ" ރިލީޒްކުރުމުގެ ކުރިން ބަލާލަން ސަލްމާންގެ ބައްޕަ އެދުމުން ވެސް އަދިތުޔާ ވަނީ އެކަމަށް އެއްބަސް ނުވެފަ އެވެ.

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ބުނި ގޮތުގައި ފިލްމު ބެލުމަށް ފަހު ސަލްމާންގެ ބައްޕަ ބުނި ވާހަކަތަކުން ފިލްމާ ބެލުންތެރިން ވަރަށް ގަޔާވާނެ ކަމުގެ ފުރިހަމަ އިތުބާރު ވަނީ ލިބިފަ އެވެ.

ސަލީމް ކަހަލަ ކުޅަދާނަ ސްކްރިޕްޓް ލިޔުންތެރިޔަކު ފިލްމަށް ތައުރީފުކުރުމަކީ ވަރަށް ހިތްހަމަޖެހުން ލިބުނު ކަމެއް ކަމަށްވެސް ޑައިރެކްޓަރު ބުންޏެވެ.

ޑައިރެކްޓަރު ބުނަނީ ފިލްމު ބަލަމުންދާއިރު އެފިލްމު ދިގުކަމުގެ އިހްސާސް ނުވާނެ ކަމަށެވެ.