04 ސެޕްޓެމްބަރ 2017 - 06:24

ފަރްހާން އަހްތަރުގެ ހުނަރުގެ ވާހަކަ ދައްކަން ފަށައިފި ނަމަ ކޮޅަކުން ނުލާނެ އެވެ. ގިނަ ބަޔަކު އެންމެ ފުރަތަމަ އޭނާ ބަލައިގަތީ ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. ފަރްހާން ޑައިރެކްޓް ކުރި ފުރަތަމަ ދިލް ޗާހަތޭ ހޭ (2001) އަކީ އެތައް ބައެއްގެ ފެވަރިޓް ލިސްޓްގެ ތެރޭގައި ހިމެނޭނެ ފިލްމެކެވެ.
އޭނާއަކީ ސްކްރީން ރައިޓަރެކެވެ. ޕްރޮޑިއުސަރެކެވެ. ލަވަ ކިޔުންތެރިއެކެވެ. ޑައިލޮގް ލިޔަން އެހާމެ މޮޅު ފަންނާނެކެވެ. ފަރްހާން ޑައިރެކްޓް ކުރި ފިލްމްތަކުގެ ތެރެއިން "ޑޮން" ސީރީޒްގެ ފިލްމްތައް ވެސް އެހާމެ ކާމިޔާބެވެ.
ބޮޑަށް އޭނާ އާންމުންގެ ތެރޭގައި މަޝްހޫރުވީ ޑައިރެކްޓަރެއްގެ ގޮތުގައި ކަމަށް ވިޔަސް، ފަރްހާނަކީ މިހާރު ބޮލީވުޑްގެ އެންމެ ވަރުގަދަ ތަރިންނަށް ދޫނުކުރާ ވަރުގެ އެކްޓަރެކެވެ. އެކަން އޭނާ ވަނީ ބާގް މިލްކާ ބާގް (2013) ކުޅެގެން ސާބިތު ވެސް ކޮށް ދީފަ އެވެ. އެ ފިލްމުން ފަރްހާނަށް ވަނީ އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފަ އެވެ.
ފަރްހާން ބުނީ އެކްޓިން ދާއިރާ އިން އޭނާ އަށް އާދެވިފައި ހުރި ހިސާބަށް ބަލާ އިރު، އޭގެ ހުރިހާ ވެސް ކްރެޑިޓެއް ހައްގުވަނީ ދައްތަ އަދި ޑައިރެކްޓަރު ޒޯޔާ އަހްތަރަށް ކަމަށެވެ. ފަރްހާން ފުރަތަމަ ކުޅުނު ފިލްމަކީ ރޮކް އޮން (2008) އެވެ.
އޭނާގެ ދެވަނަ ފިލްމަކީ ދައްތަ ޒޯޔާގެ ފުރަތަމަ ޑައިރެކްޝަނެވެ. އެއީ ލަކް ބައި ޗާންސް (2009) އެވެ. އޭގެ ފަހުން ފަރްހާން ވަނީ ޒޯޔާ ޑައިރެކްޓް ކުރި ޒިންދަގީ ނާ މިލޭގީ ދޮބާރާ (2011) އާއި ދިލް ދަޅަކް ނޭ ދޯ (2015) ގައި ވެސް މަސައްކަތްކޮށްފަ އެވެ.
ފަރްހާން ބުނީ ކުރިން އޭނާގެ ބައްޕަ އަދި ޅެންވެރިޔާ ޖާވިދް އަހްތަރާއި މަންމަ އަދި ސްކްރީން ރައިޓަރު ހަނީ އިރާނީ ގަބޫލު ކުރި ގޮތުގައި އޭނާއަކީ އެއްވެސް ކަމެއް ކުރެވޭނެ މީހެއް ނޫނެވެ.
"އެކަމަކު އަހަރެން މިހާރު މި ހުރި ހިސާބަށް އައުމުގެ އެންމެ ބޮޑު ހިތްވަރަކަށް ވާނީ ދައްތަ. އަހަރެންގެ އެކްޓިން ހުނަރު ހުރިކަން އެނގިގެން ކުރިއަށް ދާން ހިތްވަރު ދިން މީހަކީ އެއީ،" ދެ ކުދިން ވެސް ލިބިފައި ވަނިކޮށް މިދިޔަ އަހަރު ކައިވެނި ރޫޅިފައިވާ ފަރްހާން، 43، ބުންޏެވެ. "އެހެންވީމާ މީގެ ހުރިހާ ކްރެޑިޓެއް ވެސް ދާނީ އޭނަ އަށް."
ފަރްހާން ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 15 ގައި ރިލީޒް ކުރާ "ލަކްނޯ ސެންޓްރަލް" އިންނެވެ.
ޝާހްރުކް ހާނާއި ޕްރިޔަންކާ ޗޯޕްޅާ ލީޑް ރޯލް ކުޅުނު ފިލްމް ޑޮން 2 (2011) އަށް ފަހު އޭނާ އެއްވެސް ފިލްމެއް ޑައިރެކްޓެއް ނުކުރެ އެވެ. އެކަމަކު "ޑޮން 3" އިން ޑައިރެކްޝަނަށް އެނބުރި އަންނަން ވެސް ފަރްހާން އަންނަނީ ތައްޔާރުވަމުންނެވެ.