އިންތިޚާބުވެއްޖެ ނަމަ ސުޕްރީމް ކޯޓަށް ބަދަލު އަންނާނެ: ކެންޔާގެ ރައީސް
އިންތިޚާބުވެއްޖެ ނަމަ ސުޕްރީމް ކޯޓަށް ބަދަލު އަންނާނެ: ކެންޔާގެ ރައީސް

ނައިރޯބީ (ސެޕްޓެމްބަރު 3) - މިދިޔަ މަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އެ ގައުމުގެ ޝަރުއީ ނިޒާމުގެ މައްސަލައެއް އެބައުޅޭ ކަމަށާއި ދެ ވަނަ ދައުރަކަށް އިންތިޚާބު ވެއްޖެ ނަމަ ގައުމުގެ އެންމެ މަތީ ކޯޓު އަލުން އެކުލަވާލާނެ ކަމަށް ކެންޔާގެ ރައީސް އުހުރު ކެންޔާއްޓާ ވިދާޅުވެއްޖެ އެވެ.

ކެންޔާގެ ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހު ބޭއްވި އިންތިޚާބު ބާތިލް ކުރުމަށް ފަހު 60 ދުވަހުގެ ތެރޭގައި އަލުން އިންތިޚާބު ބޭއްވުމަށް އަމުރުކޮށްފަ އެވެ. ގައުމީ ޓީވީން ވަގުތުން ދެއްކި ތަގުރީރުގައި ކެންޔާއްޓާ ވިދާޅުވީ ކޯޓުގެ ނިންމުން ކޮންމެ ގޮތަކަށް އައި ނަމަވެސް އެ ނިންމުމަށް އޭނާ އިހްތިރާމް ކުރާނެ ކަމަށެވެ. އެއީ ގައުމުގައި އިތުރު ހަމަނުޖެހުންތައް އުފެދިދާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.

ހުކުރު ދުވަހު ނައިރޯބީގައި އޮތް އިވެންޓެއްގައި އޭނާ ވަނީ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެފަ އެވެ. ސުޕްރީމް ކޯޓުގައި ތިބީ "ތެދުވެރި ނޫން މުޖްރިމުންތަކެއް" ކަމަށް އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ. އަދި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކުޅެން އެ އުޅުއްވަނީ އިންތިޚާބުކޮށްފައި އެކަމަކު މަގާމާ ހަވާލު ނުވެ ހުރި ރައީސަކާ ނޫން ކަމަށާއި އެ ކުޅެނީ މަގާމުގައި ހުރި ރައީސްއަކަށް ކަމަށް ވިދާޅުވެ އޭނާ ވަނީ އިންޒާރު ދެއްވައިފަ އެވެ.

ކެންޔާގެ ނައިބް ރައީސް ވިލިއަމް ރޫޓޯ ވަނީ އިންތިޚާބުގެ އާ ތާރީޚެއް އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވައިފަ އެވެ. އަދި ވެރިކަން ކުރާ ޖުބިލީ ޕާޓީ އޮތީ ކޮންމެ އިރަކު އިންތިޚާބު ބޭއްވިއަސް ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

އެކަމަކު އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ ވަނީ އިންތިޚާބުގެ ކުރިން އިލެކްޝަން ކޮމިޝަނުގެ މެމްބަރުން ބަދަލު ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ އިތުބާރެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު އިދިކޮޅު ލީޑަރު ވިދާޅުވީ އިލެކްޝަން ކޮމިޝަން އޮތީ "ކުނިވެފައި" ކަމަށާއި އެ ތަނުގައި ތިބި މީހުން އިސްތިއުފާދީ އެ މީހުންނާ ދެކޮޅަށް ދައުވާ ކުރަން ޖެހޭނެ ކަމަށެވެ. އަދި އިންތިޚާބުން މޮޅުވީ އެ މީހުން ކަމަށާއި ދެން ވެސް މޮޅުވާނީ އެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންޔާގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އޮގަސްޓް 8 ވަނަ ދުވަހު އިންތިޚާބު ބާއްވާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި އެހެންވެ އެއީ ބާތިލް އިންތިޚާބެއް ކަމަށެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ ތެރޭން ހަތަރު ފަނޑިޔާރުން މި ނިންމުމަށް ތާއީދު ކޮށްފައިވާ ކަމަށެވެ.

އެފްރިކާގެ ބައެއް ގައުމުތަކުގައި މީގެ ކުރިން ބޭއްވި ބައެއް އިންތިޚާބުތައް ކެންސަލްކޮށް ނުވަތަ ނަތީޖާ ބާތިލްކޮށްފައިވެ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ކޯޓަށް ގޮސްގެން އިންތިޚާބެއްގެ ނަތީޖާ ބާތިލްކުރި މިއީ ފުރަތަމަ ފަހަރެވެ.