03 ސެޕްޓެމްބަރ 2017 - 12:25

ޗައިނާގެ ކުންފުންޏަކުން އެތަނުގެ ހާހަކަށް ވުރެ ގިނަ މުވައްޒަފުންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފި އެވެ.
އެނގިފައިވާ ގޮތުގައި ޗާޓަރު ތިން ފްލައިޓެއްގައި މިއަދު ރާއްޖެ އަންނަނީ ފުއައިބައޯ ކޮމާސް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނެވެ.
އެ މުވައްޒަފުންނާ އެކު ފުއައިބައޯގެ ޗެއާމަން ސިއާ ބައޯޕިން އާއި ފައުންޑަރު އަދި ސީއީއޯ މިސް ފޫ ޔުންމިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އާދެ އެވެ. ނަމަވެސް އެމީހުން ރާއްޖޭގެ ހިތްގައިމުކަމުގެ އުފާ ހާސިލްކުރަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި އެއީ ކިހާ ދުވަހަކު ކަމެއް ނޭނގެ އެވެ.
ފުއައިބައޯއަކީ ޗައިނާގައި އެންމެ ހިނގާ ސޯޝަލް މީޑިޔާ އެއް ޕްލެޓްފޯމް ކަމަށްވާ ވީޗެޓްގައި ވަރަށް ފުޅާކޮށް ވިޔަފާރި ހިންގަމުން އަންނަ މަޝްހޫރު ކުންފުންޏެކެވެ.
ދުނިޔޭގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންގެ ގްރޫޕްތައް ދޭތެރެ ދޭތެރެއިން ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރެ އެވެ. އެގޮތުން ބައެއް ފަހަރަށް މުޅި ރިސޯޓް އެކުގައި ހިފައިގެން ވެސް ތިބެ އެވެ.