30 ޖޫން 2016 - 07:58

އާމިރު ޚާން އުޅޭ ފިލްމެއް ވިއްޔާ ވަރަށް ފުރިހަމަވާނެ ކަމަށް އެންމެންވެސް ގަބޫލު ކުރެ އެވެ. ސަބަބަކީ އާމިރު އަހަރެއްގެ ތެރޭ އެންމެ ފިލްމެއް ނޫނީ ނުކުޅޭތީ އާއި އެ ކުޅޭ ފިލްމަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ވެފައިވާ އެއްޗެއްކަން ޔަގީން ނުވަނީސް އާމިރު އެ ފިލްމެއް ރިލީޒްނުކުރާނެތީ އެވެ.
ފަހުގެ ތާރީޚެއްގައި އާމިރު އެންމެ ބުރަކޮށް މަސައްކަތްކުރި އެ ފިލްމު ޑިސެމްބަރު މަހު ރިލީޒްކުރަން ތައްޔާރުވަމުންދާ "ޑަންގަލް" ވާނެ އެވެ.
ރެސްލިން ތެޅުންތެރިޔާ މަހާވީރު ޕޯގަޓްގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމު ހުރިހާ ގޮތަކުން ވެސް ވަރަށް ތަފާތުވާނެ ކަމަށް ފިލްމު އުފައްދާ ފަރާތުން ވައުދުވެ އެވެ. އެގޮތުން މިއުޒިކްގެ ގޮތުން ވެސް އެހެން ފިލްމުތަކާ މި ފިލްމު ތަފާތު ވާނެ ކަމަށް ބެލެވެ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި "ޑަންގަލް"ގައި އެއްވެސް ލަވައެއް ނުހިމެނޭނެ އެވެ. އޭގެ ބަދަލުގައި ހިމެނޭނީ އެންމެ ޕްރޮމޯޝަނަލް ލަވަ އެކެވެ. މި ލަވައިގައި ބައިވެރިވާނީ އާމިރު އާއި އޭނާގެ ދެ އަންހެން ދަރިންގެ ރޯލު މި ފިލްމުގައި އަދާކުރާ ފާތިމާ ސަނާ ޝެއިޚާއި ސަންޔާ މަލްހޯތުރާ އެވެ.
ނަމަވެސް އެހެން ބައެއް ޚަބަރުތައް ބުނަނީ އެއްވެސް ލަވައެއް ނުހިމެނޭނެކަމަށް ދައްކާ ވާހަކައަކީ ތެދެއް ނޫން ކަމަށެވެ. މިއުޒިކް ޑައިރެކްޓަރު ޕްރީތަމް މިހާރު ބައެއް ލަވަތައް މި ފިލްމަށް ތައްޔާރުކޮށްދީފައިވާ ކަމަށާއި ވަރަށް އަވަހަށް ލަވަތަކުގެ ޝޫޓިން އޮންނާނެކަމަށް ބައެއް މީހުން ބުނެ އެވެ.
ފިލްމުގައި ހިމެނޭ ވަކި ވަކި ހާލަތާ ގުޅުވައިގެން ބެކްގްރައުންޑުން އިވޭ ލަވަތަކެއް ކަމަށް ވެއެވެ. މިއީ މިއުޒިކް ޑައިރެކްޓަރުންނަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ޚާއްސަކޮށް މިފަދަ ފިލްމަކަށް ޕްރީތަމް މިހާތަނަށް މިއުޒިކް ތައްޔާރުކޮށްދީފައި ނުވާތީ އެވެ.