ރަސްގެފާނުގެ މެހްމާނުންގެ ގޮތުގައި 42،000 މީހުން ހައްޖުވެއްޖެ
ރަސްގެފާނުގެ މެހްމާނުންގެ ގޮތުގައި 42،000 މީހުން ހައްޖުވެއްޖެ

މައްކާ (ސެޕްޓެމްބަރު 3) - ސައުދީ ރަސްގެފާނުގެ ޚާއްސަ މެހްމާނުންގެ ގޮތުގައި ވޭތުވެދިޔަ 21 އަހަރު ދުވަހު ތެރޭ 42،000 މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ބުނެފި އެވެ.

ސައުދީ ރަސްގެފާނުގެ ޚަރަދުގައި އެކި ގައުމުތަކުން މީހުން ހައްޖަށް ގެންދިއުމުގެ ޕްރޮގްރާމް 1996 ވަނަ އަހަރު ފެއްޓެވީ ފަހުދު ރަސްގެފާނެވެ. މި ޕްރޮގްރާމުގެ ދަށުން ސަލްމާން ރަސްގެފާން ދެއްވި ދައުވަތުގައި މި އަހަރު ވަނީ 5،114 މީހުން ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ. މީގެ ތެރޭގައި މުޖްތަމަ އަށް އެކަށީގެންވާ ރަނަގަޅު ޚިދުމަތް ކޮށްދޭ މީހުންގެ ތެރޭން 80 ގައުމަކުން ހޮވާލެވުނު 1،300 މީހުންނާއި މިސްރާއި ފަލަސްތީނުން ޝަހީދުވި މީހުންގެ އާއިލާތަކަށް ދިން 2،000 ޖާގަ ހިމެނެ އެވެ. އަދި ސޫދާން ސިފައިންގެ ތެރޭން މަރުވި މީހުންގެ އާއިލާތަކަށް ދިން 250 ޖާގަ އާއި ގަތަރުން ހައްޖަށް ގެންދިޔަ 1،564 މީހުން ހިމެނެ އެވެ.

ރަސްގެފާނުގެ ޚަރަދުގައި ހައްޖަށް ދާ މީހުންގެ ކަންކަން ބަލަހައްޓަނީ ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓްރީންނެވެ. މި ޕްރޮގްރާމުގެ ދަށުން ހައްޖަށްދާ މީހުންގެ ހައްޖު ވިސާ އާއި މަތިންދާ ބޯޓު ޓިކެޓާއި ސައުދީގައި ހުރުމާއި ކެއުން އަދި ދަތުރުފަތުރުގެ ހުރިހާ ޚަރަދެއް ސައުދީން ދެ އެވެ. އަދި ކޮންމެ މީހަކަށް އިހުރާމް ހެދުމާއި ކުޑަ އަކާއި ޚަތިމެއް، ޒަމްޒަމް ފެންފުޅި އަކާއި ކަދުރާއި މޯބައިލް ފޯނަކާއި ސިމްކާޑެއް ދެ އެވެ.