މިފަހަރު ތިން އައިފޯނެއް ދައްކާލަފާނެ
މިފަހަރު ތިން އައިފޯނެއް ދައްކާލަފާނެ

އައިފޯން 8 މި މަހުގެ 12 ވަނަ ދުވަހު ދައްކާލާނެކަން އެޕަލްގެ ދައުވަތާ އެކު މިހާރު ވަނީ ގާތްގަނޑަކަށް ކަށަަވަރުވެފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލް އިން މިފަހަރު އައިފޯން 7 ގެ ދެ މޮޑެލްއެއް ވެސް އާ އައިފޯނާ އެކު ތައާރަފްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އައިފޯނުގެ އާއިލާއަށް، އެސް އާއި ޕްލަސް އަންނަން ފެށި ފަހުން އުފަންވި އައިފޯން 7 އަށް މި ނަންތައް އަދި ފުރިހަމައެއް ނުވެ އެވެ. އެންމެ ފަހުން ނެރުނު އައިފޯން 7 އާއި 7 ޕްލަސްއަށް މި ފަހަރު އެޕަލް އިން 7 އެސް އާއި 7 ޕްލަސް އެސް އިތުރުކުރާނެ ކަމަށް ރިޕޯޓްތައް ބުނެވެ އެވެ.

ދެން ނެރޭނީ އައިފޯން 8 ކަމަށް ބުންޏަސް އެއީ އަދި ކަށަވަރު ނަމެއް ނޫނެވެ. އެކަމަކު މިއީ އައިފޯނަށް 10 އަހަރުވާ މުނާސަބަތަށް ވާތީ މުޅިން އާ މޮޑެލްއެއްގެ ފޯނެއް ނެރޭނެ ކަމުގެ ޔަގީންކަން ބޮޑެވެ. އައިފޯން 8 އެއީ މީޑިއާ އިން އެޔަށް ދީގެން އުޅޭ ނަމެކެވެ. ފަހަރެއްގައި، 10 އަަހަރުގެ ކާމިޔާބީ ފާހަގަކުރަން އައިފޯން 10 އޭ ވެސް ކިޔައިފާނެ އެވެ.

މިފަހަރު ދެން ތައާރަފްކުރާނީ އެޕަލް ވޮޗްގެ އާ މޮޑެލް އެކެވެ. މިއީ އައިފޯނާ ގުޅުމެއް ނެތި، ފޯނު ވެސް ކުރެވޭ ގޮތަށް ހަދާފައިވާ ގަޑިއެއް ކަމަށް ވަނީ އަޑު އަރައިފަ އެވެ.

އެޕަލް އިން އާ އުފެއްދުންތައް ތައާރަފްކުރަން ބާއްވާ ހަފުލާއަކަށް އެކި ފަރާތްތަކަށް ފޮނުވި ދައުވަތު ކާޑުން މިފަހަރު ވާންއުޅޭ ގޮތަކީ ކޮބައިކަމުގެ އެއްވެސް އިޝާރާތެއް ނުފެނެ އެވެ. އޭގައި ހަމަ އެކަނި ލިޔެފައި ވަނީ "ލެޓްސް މީޓް އެޓް އަވަ ޕްލޭސް" އެވެ.

އައިފޯނުގެ އަގު މިފަހަރު 1000 ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް ވެސް އެބަ ވާހަކަ ދެކެވެ އެވެ. އެކަމަކު އެޕަލްގެ ވަފާތެރިންނަށް މިއީ މާބޮޑު މައްސަލަޔަކަށް ނުވެ އެވެ.