ޓެނިސް ތަރި ސެރޭނާ ވިލިއަމްސް ވިހައިފި، އަންހެން ކުއްޖެއް
ޓެނިސް ތަރި ސެރޭނާ ވިލިއަމްސް ވިހައިފި، އަންހެން ކުއްޖެއް

ކުޅިވަރުގެ ދުނިޔެ އިންތިޒާރުކުރަމުން ދިޔަ އެއް ވަގުތު ނިމުމަކަށް އަތުވެއްޖެ އެވެ؛ މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު އަންހެން އެއް ޓެނިސް ކުޅުންތެރިޔާ އެމެރިކާގެ ސެރޭނާ ވިލިއަމްސް މަންމައަކަށް ވުމެވެ.

ޓެނިސް ތަރި ސެރޭނާ ވިލިއަމްސް ވިހައިފި، އަންހެން ކުއްޖެއް
ޓެނިސް ތަރި ސެރޭނާ ވިލިއަމްސް ވިހައިފި، އަންހެން ކުއްޖެއް

މީޑިއާތަކުން ބުނާ ގޮތުގައި ފްލޮރިޑާގެ ކްލިނިކެއްގައި މިދިއަ ބުދަދުވަހު އެޑްމިޓްކުރި ސެރޭނާ ވިހެއީ އަންހެން ކުއްޖެކެވެ.

ސޯޝަލް މީޑިއާ ސައިޓެއް ކަމަށްވާ ރެޑިޓްގެ އެއް ބާނީ އެލެކްޒިސް އޮހާނިއަން އާއި ސެރޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. އޭނާ ބަލިވެއިންކަން އެނގުނީ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކުޅެމުން ދަނިކޮށެވެ. އެކަމަކު މުބާރާތް ފުރިހަމަކޮށް، ޗެމްޕިއަންކަން ވެސް ހޯދި އެވެ.

ސެރޭނާ ބަލިވެއިންކަން ދުނިޔެއަށް ހާމަވީ ސްނެޕްޗެޓްގައި އޭނާއަށް ޕޯސްޓްކުރެވުނު ފޮޓޯއަކުން މިދިއަ އެޕްރީލް މަހު އެވެ. އޭނާ ފަހުން ބުނި ގޮތުގައި އެ ފޮޓޯ އާންމުކުރެވުނީ އޮޅުމަކުންނެވެ.

ޓެނިހުގެ ތަރިންގެ އިތުރުން ދުނިޔޭގެ ކުޅިވަރުގެ އެކި ޝަހުސިއްޔަތުތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުން ސޯޝަލް މީޑިއާގައި އަންނަނީ ސެރޭނާ އަށް މަރުހަބާ ކިޔަމުންނެވެ.

މި އަހަރުގެ ވިމްބަލްޑަން އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ސްޕޭންގެ ގާބިލް މުގުރުޒާ ވަނީ މިހާރު ކުރިއަށް ދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖޯކެއް ވެސް ޖަހައިފަ އެވެ.

"އަންހެން ކުއްޖެކޭ؟ އޭނާ ޓެނިސް ނުކުޅޭނެ ކަމަށް އަހަރެން އުއްމީދުކުރަން،" މުގުރުޒާ ބުންޏެވެ.

އުމުރުން 35 އަހަރުގެ ސެރޭނާ ބަލިކުރުމަކީ އޭނާ އަށް ވުރެ މާ ހަގު ކުޅުންތެރިންނަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. ދުނިޔޭގެ ޓެނިހުގެ އެންމެ ބޮޑު ހަތަރު މުބާރާތް ނުވަތަ ގްރޭންޑް ސްލޭމްގެ ސިންގަލްސް ޗެމްޕިއަންކަން 23 ފަހަރު ވަނީ ހޯދައިފަ އެވެ. ކުޅެގެން ސެރޭނާ އަށް މިހާތަނަށް ލިބުނު އާމްދަނީ 82 މިލިއަން ޑޮލަރަށް ވުރެ ގިނަ އެވެ.

މަންމައަކަށް ވުމަށް ފަހު ކުޅުމާ ދުރަށް ދާކަށް އޭނާ ބޭނުމެއް ނުވެ އެވެ. ޖެނުއަރީ މަހު އޮންނަ އޮސްޓްރޭލިއަން އޯޕަންގައި އޭނާގެ ޗެމްޕިއަންކަން ދިފާއުކުރަން މިހާރު ވެސް ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. އެހެންކަމުން މާ ގިނަ ދުވަހެއް ނުވެ އަނެއްކާ ޕްރެކްޓިސް ފަށާފާނެ ކަމަށް ބެލެވެ އެވެ.