އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބޮލީވުޑް ބަތަލާއަކީ ދީޕިކާ
އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބޮލީވުޑް ބަތަލާއަކީ ދީޕިކާ

ފޯބްސް މަޖައްލާއިން އައްމުކޮށްފައިވާ ބޮލީވުޑް ތަރިންގެ ތެރެއިން އެންމެ ބޮޑު ފީއެއް ލިބޭ 10 އެކްޓަރުންގެ ލިސްޓުގައި ދީޕިކާ ޕަދުކޯން އާއި ޕްރިޔަންކާ ޗޯޕްރާ ވަނީ ހިމެނިފަ އެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ "ރައީސް"ގެ ބަތަލު ޝާހްރުކް ޚާނެވެ.

މި ލިސްޓުގައި ދީޕިކާ އޮތީ ހަ ވަނައިގަ އެވެ. ފޯބްސް އިން ބުނަނީ ދީޕިކާ އަށް އަހަރަކު ލިބޭ އާމްދަނީ 11 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. ޕްރިޔަންކާ އާއި ދީޕިކާގެ ލޯބިވެރިޔާ ރަންވީރު ސިންގް އޮތީ 10 މިލިއަން ޑޮލަރާ އެކު ލިސްޓުގެ ހަތް ވަނައިގަ އެވެ.

ޝާހްރުކްގެ ވާދަވެރިންގެ ތެރެއިން ސަލްމާން ޚާން، އަކްޝޭ ކުމާރު އަދި އާމިރު ޚާންގެ ނަން ލިސްޓުގައި އޮތީ ޝާހްރުކަށް ވުރެ ފަހަތުގަ އެވެ. ފަހަކަށް އައިސް ނުކުތް ޝާހްރުކްގެ ފިލްމުތައް ކަމަށްވާ "ދިލްވާލޭ" އާއި "ފޭން" އަދި "ޖަބް ހެރީ މެޓް ސޭޖަލް" އަށް ބޮކްސް އޮފީހުގައި އެދެވޭ ކާމިޔާބެއް ލިބިފައި ނެތަސް ޝާހްރުކް ކުޅޭ އިޝްތިހާރުތަކުންނާއި އޭނާގެ ޕްރޮޑަކްޝަން ހައުސް އިން ލިބޭ ފައިދާއިން އޭނާއަށް ވަރަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.

މި ހުރިހާ ކަމަކުން ލިބުނު އާމްދަނީ އަށް ބަލާއިރު ޖޫން 1، 2016 އިން ޖޫން 1، 2017 އަށް އޭނާއަށް 38 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ފޯބްސް އިން ބުނެފައިވެ އެވެ.

ލިސްޓުގެ ދެ ވަނައިގައި އޮތީ ސަލްމާން ޚާނެވެ. އޭނާއަށް މި މުއްދަތުގެ ތެރޭގައި 37 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއީ "ސުލްތާން"ގެ ކާމިޔާބީންނާއި ބައެއް އިޝްތިހާރުތައް ކުޅެގެން އަދި އޭނާގެ ހެދުމާއި ގަހަނާގެ ވިޔަފާރިންނެވެ.

ތިން ވަނައިގައި އޮތީ 35.5 މިލިއަން ޑޮލަރާ އެކު އަކްޝޭ ކުމާރެވެ. އަކްޝޭގެ ފަހުގެ ފިލްމަކަށް ބޮޑު ކާމިޔާބެއް ލިބިފައިވާތީ އޭނާގެ އާމްދަނީ ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. ދުނިޔޭގެ އެންމެ ގިނަ އާމްދަނީ ލިބޭ އެކްޓަރުންގެ ލިސްޓު ދާދިފަހުން ޝާއިއު ކުރިއިރު މި ލިސްޓުގެ ވެސް އަށް ވަނަ އާއި ނުވަ ވަނަ އަދި 10 ވަނަ މަގާމުގައި އޮތީ - މި ތަރުތީބުން - ޝާހްރުކް، ސަލްމާން ޚާން އަދި އަކްޝޭ ކުމާރެވެ.

"ދަންގަލް"ގެ ބޮޑު ކާމިޔާބީގެ ސަބަބުން އާމިރު ޚާނަށް މި ލިސްޓުގެ ހަތަރު ވަނަ ލިބިފައިވެ އެވެ. އާމިރުގެ އަހަރެއްގެ އާމްދަނީ އަކީ 12.5 މިލިއަން ޑޮލަރު ކަމަށްވެ އެވެ.

ރިތިކް ރޯޝަން އަށް 11.5 މިލިއަން ޑޮލަރު ލިބިފައިވާއިރު އަމީތާބަށް ލިބިފައިވަނީ ނުވަ މިލިއަން ޑޮލަރެވެ. ރަންބީރު ކަޕޫރަށް 8.5 މިލިއަން ޑޮލަރެވެ. މި ދެ އެކްޓަރުން ތިބީ ލިސްޓުގެ ނުވަ ވަނަ އަދި 10 ވަނައިގަ އެވެ.