މިއަންމާ އިން ފިލަންދާ މުސްލިމުންގެ އަދަދު 40،000 އަށް
މިއަންމާ އިން ފިލަންދާ މުސްލިމުންގެ އަދަދު 40،000 އަށް

ޔަންގޫން (ސެޕްޓެމްބަރު 2) - މިއަންމާ ސިފައިންގެ އަނިޔާވެރިކަން ހައްދުފަހަނަޅާ ދިއުމުން އެ ގައުމުގައި މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުން ފިލަންދާ ރެފިއުޖީންގެ އަދަދު 40،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

މިއަންމާ އިން ފިލަންދާ މުސްލިމުންގެ އަދަދު 40،000 އަށް
މިއަންމާ އިން ފިލަންދާ މުސްލިމުންގެ އަދަދު 40،000 އަށް

އޮގަސްޓް 25 ވަނަ ދުވަހު ރޮހިންޖާގެ ބަޔަކު އަސްކަރީ ޕޯސްޓަކަށް ދިން ހަމަލާއާ ގުޅިގެން ސިފައިން ދޭން ފެށި ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އާއްމުންގެ އެތައް ބަޔަކު ދަނީ ރަކީން ސްޓޭޓް ދޫކޮށް ބަންގްލަދޭޝްގެ ބޯޑަރު ކައިރިއަށް ޖަމާވަމުންނެވެ.

ބައެއް މީހުން ދަނީ ނަފް ކޯރު ހުރަސްކޮށް ވެސް ބަންގްލަދޭޝް އަށް އެތެރެވުމަށް މަސައްކަތް ކުރަމުންނެވެ. މި ކޯރު ހުރަސް ކުރަނިކޮށް ކަނޑުވި 16 މީހެއްގެ ހަށިގަނޑު ވަނީ ހުކުރު ދުވަހު ފެނިފަ އެވެ. ކޯރު ހުރަސްކުރަނިކޮށް ބޯޓު ފެތިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 40 އަށް އަރައިފަ އެވެ.

މިންމާގެ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ ޔަންގީ ލީ ވިދާޅުވީ ރަކީން ސްޓޭޓުގެ ހާލަތު ވަރަށް ގޯސް ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް އަވަސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ބަންގްލަދޭޝްގައި ތިބި އދ.ގެ އޮފިޝަލުން ބުނީ މިއަންމާގެ ރެފިއުޖީންގެ ތެރޭން ބޯޑަރު ހުރަސްކޮށް ބަންގްލަދޭޝް އަށް އެތެރެވެފައިވާ މީހުންގެ އަދަދު 38،000 އަށް އަރާފައިވާ ކަމަށެވެ.

ރަކީން އަކީ މިއަންމާގެ އެންމެ ފަގީރު ސަރަހައްދެކެވެ. އެ ސްޓޭޓުގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކީންގެ މުސްލިމުންނަކީ އެ ގައުމުގެ މީހުން ކަމަށް މިއަންމާ ސަރުކާރުން ގަބޫލްކޮށްފައެއް ނުވެ އެވެ.