ލޯ އަށް އިޓަލީގެ މައުލޫމާތު ދޭނީ ކެދީރާ
ލޯ އަށް އިޓަލީގެ މައުލޫމާތު ދޭނީ ކެދީރާ

މާސޭ، ފްރާންސް (ޖޫން 29) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިޓަލީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެ ޓީމުގެ މައުލޫމާތު ހޯދަން އިޓަލީގެ ޔުވެންޓަސް އަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު ސެމީ ކެދީރާގެ އެހީ ހޯދާނެ ކަމަށް ޖަރުމަނުގެ ކޯޗު ޔަކިމް ލޯ ބުނެފި އެވެ.

ރެއާލް މެޑްރިޑް ދޫކޮށް އުމުރުން 29 އަހަރުގެ ކެދީރާ ޔުވެންޓަސް އަށް ބަދަލުވީ މިދިޔަ ސީޒަން ފެށުމުގެ ކުރިންނެވެ. ކެދީރާއާ އެކު ޔުވެންޓަސް އަށް ކުޅޭ ހަތަރު ކުޅުންތެރިއަކު އިޓަލީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނެ އެވެ. އެއީ ފަހަތަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ލިއޮނާޑޯ ބޮނޫޗީ އާއި އަންޑްރެ ބަރްޒާގްލީ އަދި ޖިއޮޖިއޯ ޗިއެލީނީގެ އިތުރުން ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އެވެ.

ޖަރުމަނުގެ ކޯޗު ލޯ ބުނީ އިޓަލީ ޓީމުގެ ޑިފެންޑަރުންނާ ބެހޭ މުހިއްމު މައުލޫމާތު ކެދީރާގެ ފަރާތުން ލިބިފައިވާ ކަމަށެވެ.

"އިޓަލީއާ ދެކޮޅަށް ކުޅޭއިރު ކެދީރާގެ މުހިއްމުކަން ވަރަށް ބޮޑު. އޭނާ އަކީ އިޓަލީ ލީގުގައި ކުޅޭ ކުޅުންތެރިއެއް. އޭނާ އެއް ކްލަބަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް އިޓަލީ ޑިފެންސުގައި ތިބީ. އެ ކުޅުންތެރިން ކައިރިން އަހަރެމެންނަށް ކުރިހޯދޭނެ ގޮތްތަށް ކެދީރާ ކައިރިން އަހަރެން އޮޅުން ފިލުވާނަން،" ލޯ ބުންޏެވެ.

އޭނާ ބުނީ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ކެދީރާ އަށް ގިނަ ކަންތައްތަކެއް ފެނިފައި ހުންނާނެ ކަމަށާއި އެހެން ކަމުން ކެދީރާގެ ބޭނުން މި މެޗުގައި ފުރިހަމަ އަށް ހިފާނެ ކަމަށެވެ.

ބޮޑު މުބާރާތެއްގައި ޖަރުމަނަށް ދުވަހަކު ވެސް އިޓަލީގެ މައްޗަށް ކުރި ހޯދިފައެއް ނުވެ އެވެ. ލޯ ބުނީ އެކަމަށް ނިމުމެއް ގެންނަން މި ފަހަރު މަސައްކަތް ކުރާނެ ކަމަށެވެ.

އިޓަލީ އާއި ޖަރުމަން ބައްދަލުކުރާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.